މަސްތުވާތަކެތީގެ މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ކަމަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މިމަހުގެ 5 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) އެވެ.
ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 90.54 ގުރާމެވެ.
މި މައްސަލާގައި ހައްޔަރުކުރެވުނު އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިމަހުގެ 2ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ، ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ބ. ކަމަދޫ، ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.
މި މައްސަލާގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ރިޔާޟު ޙަސަން (53އ) ފަސް ދުވަހަށް އަދި އާމިނަތު ފަރީޝާ (42އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.