ޚަބަރު

އެވްރެޖުކޮށް ރާއްޖެއަށް ދުވާލަކު 5000 ފަތުރުވެރިން


  • މިހާރު ދުވާލަކު ރާއްޖެއަށް އަންނަނީ 5,643 ފަތުރުވެރިން

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.14 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

ދުވާލަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު 5000އަށް އަރާފައިވާކަމަށް ފަތުރުވެރިކާމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.14 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,141,988 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 1,045,337 ފަތުރުވެރިންނާއި އަޅާބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް 33,858 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް 29,808 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއީ 13.6 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު ދުވާލަކު 5000އަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.

ފާއިތުވި މަސްމަހު އެވްރެޖުކޮށް ދުވާލަކު ފަތުރުވެރިން އައި ޢަދަދުތައް:

* ޖަނަވަރީ - 6,931 ފަތުރުވެރިން
* ފެބްރުއަރީ - 7,646 ފަތުރުވެރިން
* މާރޗް - 6,563 ފަތުރުވެރިން
* އޭޕްރީލް - 6,611 ފަތުރުވެރިން
* މެއި - 4,375 ފަތުރުވެރިން
* ޖޫން - 4,726 ފަތުރުވެރިން
* ޖުލައި މަހުގެ މިހާތަަނަށް - 5,643 ފަތުރުވެރިން

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 3 ޤައުމު:

ޗައިނާ – 148,951 ފަތުރުވެރިން
ރަޝިއާ – 131,480 ފަތުރުވެރިން
އިނގިރޭސިވިލާތް – 110,935 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.5އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.5 އެވެ. %2.8 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.