މޫސުމީ ބަދަލުތަކާއި ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ރީޖަނަލް ހެޑް ތިއާމް އީ ހިންއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އޭޑީބީގެ ސީނިއަރ އިކޮނޮމިސްޓް، އެލިޒަބަތު ޖެންޓައިލްވެސް ބައިވެރިވެވަޑއިގެންނެވިއެވެ.
މިބައްދަލުވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އޭޑީބީގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އޭޑީބީގެ އެހީގައި ހިނގަމުންދާ އިއާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ހާލަތްތަކާއި، އިއާދަކުރަނިވި ހަކަތަ ތަރައްޤީކުރުމުގައި ކުރިމަތިވާ ހުރަސްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މީގެއިތުރުން، ކުނި މެނޭޖްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކުގެ އިތުރުން ރައްކާތެރިގޮތެއްގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުނި ގެންގޮސް ނައްތާލުމުގައި ދިމާވާ އުނދަގޫތައްވެސް މި ބައްދަލުވުމުގައި ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމަކީ ރާއްޖެއާއި އޭޑީބީއާއި ދެމެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އޭޑީބީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކުގެ އަސަރު ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކަށް ވިލުންތެރިވެ، މޫސުމީ ބަދަލުތައް މެދުވެރިވާ ސަބަބުތައް ކުޑަ ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.