ޚަބަރު

100 އަހަރުގެ މަހާތީރަށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި


މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފިއެވެ.

ޑރ. މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވަނީ، އުމުރުފުޅުން 100 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޕިކްނިކެއްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު، މާބޮޑަށް ވަރުބަލިފުޅުވާތީއެވެ.

މެލޭޝިޔާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަހާތީރު ހިތުގެ އާލާސްކަންފުޅުގައި މީގެ ކުރިން ބައިޕާސް އޮޕަރޭޝަންތައް ވަނީ ކުރައްވައިފައެވެ. ފާއިތުވި އަހަރުތަކުގައި އެ މަނިކުފާނުގެ ސިއްޙީ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ ފަހަރުތައް ވަނީ އިތުރުވެފައެވެ.

ޑރ. މަހާތީރު 2003 ވަނަ އަހަރާ ހަމައަށް މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި 22 އަހަރު ހުންނެވިއެވެ. އޭގެފަހުން، އިދިކޮޅު ކޯލިޝަނަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދެއްވުމަށްފަހު 2018 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަޤާމަށް އެނބުރި ވަޑައިގެންނެވި ނަމަވެސް، ކޯލިޝަންގެ ތެރޭގައި ކޯޅުން ބޮޑުވެ، ސަރުކާރަށް ދެ އަހަރު ނުވަނީސް އެ މަނިކުފާނުގެ ސަރުކާރު ވެއްޓުނެވެ.