ޚަބަރު

މަޖީދިއްޔާ ސްކޫލުގެ ޒަމާނީ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ތަޢުލީމީ ވަޒީރު


  • ރައީސް ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅާނެކަމަށް

  • ވަޒީރު ވިދާޅުވީ މި މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ ޒަމާނީ އިމާރާތުގެ މަސައްކަތްވެސް ވަރަށް އަވަށް ފެށޭނެކަމަށެވެ. މަޖީދިއްޔާ ސްކޫލެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާ ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއާއެކު މިއަހަރު ވެގެންމިދަނީ ސްކޫލް އިންފްރަރސްޓްރަކްޗަރ ޑިވެލޮޕްމަންޓްގައި ވަރަހަށް ޚާއްސަ އަހަރަކަށް. މިގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީކުރަމުންދާ ސްކޫލްއާއި ހުޅުމާލޭގައި އަޅާ އިތުރު ސުކޫލްއާއި ޢަރަބިއްޔާ ސްކޫލް އަދި މަޖީދިއްޔާ ސްކޫލްއާއެކު ވަރަށް ބޮޑު ޕްރޮޖެކްޓްތައް ފެއްޓެވުން މިދަނީ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލަށް ބޭނުންވާ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި މިއަހަރު ކުރިއަށްގެންދާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތައް ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދާރުލްއާސާރުގެ ސަބަބުން މަޖީދިއްޔާ ސްކޫލުގެ ވާހަތަކާއި ރާއްޖޭގެ ތަޢުލީމީ ގިނަ ވާހަކަތައް އެތަނުން ފެނިގެންދާނެ ކަމަށެވެ.