ޚަބަރު

އަންނަ މަހުން ފެށިގެން ހޯޕް އައިލެންޑްގެ ކޮންސެޕްޓް ފުލުހުންގެ މަރުކަޒެއްގައި ތަންފީޒްކުރަނީ


  • އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްވެފައި ނެތް

  • މިއީ ކުރިން ޓެސްޓުކުރެވިފައިވާ ނިޒާމެއް

ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން އިސްލާހުކުރުމަށް ކުރިއަށްގެންދާ 'ހޯޕް އައިލެންޑް'ގެ ކޮންސެޕްޓް، އަންނަ މަހުން ފެށިގެން ފުލުހުންގެ މަރުކަޒެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

9ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ހުސްކަމަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށެވެ.

އެގޮތުން މި ނިޒާމުގެ އެކި މަރުޙަލާތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއެކު، އަދި އެންމެ އެދެވޭ ގޮތެއްގައި ދެވަނަ ފުރުޞަތެއް ހޯދައިދިނުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ދަޢުލަތުގެ ތެރޭގައި މީގެ ކުރިން ޤާއިމްކުރެވިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުވެނައިލް ޖަސްޓިސްގެ ދާއިރާގެ ވަޒީރުގެ ހައިސިއްޔަތުން މިކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 'ހޯޕް އައިލެންޑް' ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެ ނިޒާމު ފުރިހަމައަށް ޤާއިމްވަންދެން ވަގުތީ ގޮތުން މި މަސައްކަތް ފެށުމަށް ރާވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުގައި އެބަހުރި ތަމްރީނުދޭ ތަންތަން، ބޭނުންވާ ވަސީލަތްތައް، އަދި ތަމްރީނުދޭން މީހުން. އެތަނުން ކޮންމެވެސް އެއް ދިމާލެއްގައި އަޅުގަނޑު އެބަ ގަސްތުކުރަން އަންނަ މަހުން ފެށިގެން އަޅުގަނޑުމެން ހޯޕް އައިލެންޑް މި ރަންކުރަން އުޅޭ ކޮންސެޕްޓުގައި، އެކަމަށް އެންމެ ބޭނުންވާ ކުދިން އައިޑެންޓިފައި ކޮށްފައި، އެކުދިންކޮޅު ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި އެ ކުދިންނަށް ދޭންޖެހޭ ޚާއްސަ ފަރުވާ އެ މަރުކަޒުތަކުގައި ދޭން ފެށުން." ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ ކުރިން ޓެސްޓުކުރެވިފައިވާ ނިޒާމެއް ކަމަށާއި، މިމަސައްކަތް ނުފެއްޓިފައިވަނީ މިކަމަށް ބޭނުންވާ ވަކި ޖާގައެއް ކަނޑައެޅިފައިނުވާތީ ކަމަށެވެ. ވުމާއެކު، ކުރިއަށް އޮތް މަހު ކޮންމެވެސް އެއް ތަމްރީނު މަރުކަޒެއްގައި މިކަމަށް ޖާގައެއް ހުސްކޮށް، މަސައްކަތަށް ފެށުމަށް ގަސްތުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، އެންމެ އެދެވޭ ގޮތުގައި މިކަން ކުރެވޭނީ 'ހޯޕް އައިލެންޑް' ޤާއިމްވެގެންދިއުމުން ކަމަށާއި، އެކަމަށް އެންމެ އަވަހަށްވެސް ދެ އަހަރާއި ބައި ނުވަތަ ތިން އަހަރު ނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 'އުއްމީދު' ނުވަތަ 'ހޯޕް އައިލެންޑް' މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އެތަނުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.