ށ. މިލަންދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމައި، ރައްޔިތުންނާ ހަވާލުކޮށްފިއެވެ. މިއީ މިދިޔަ ސަރުކާރުން މަސައްކަތް ފެއްޓި ނަމަވެސް ނުނިމި ހުއްޓިފަވަނިކޮށް، މިސަރުކާރުން އަލުން މިމަސައްކަތްފަށާ ހަލުވި ދުވެލީގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމި ވޮލީކޯޓެކެވެ.
މިމަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ށ. މިލަންދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ އާތިފް ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިލަންދޫގެ ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތަކުގެ މަސައްކަތް ހަލުވިކަމާއެކު ފެއްޓެވިކަމަށާ، އެގޮތުން ރަށުގެ ވޮލީކޯޓު ތަރައްޤީކޮށް ނިންމާ ރައްޔިތުންނާ މިވަނީ ހަވާލުކުރައްވާފަކަމަށެވެ.
މިވޮލީ ކޯޓުގައި ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި ބިންހިއްކުމާ ފެންސް ޖެހުމުގެ އިތުރުން ރޭގަނޑަށްވެސް ބޭނުންކުރެވޭނެހެން ލައިޓް ހަރުކުރުން ހިމެނެއެވެ.
ށ. މިލަންދޫގެ ވޮލީކޯޓުގެ މަސައްކަތް ނިމުނުނަމަވެސް ރަށުގައި އަދިވެސް ކުޅިވަރުގެ އިތުރު މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާކަމަށް ޢާޠިފް ވަނީ މައުލޫމާތުދެއްވާފައެވެ. އެގޮތުން ރަށުގައި ތަރައްޤީކުރަމުން އަންނަ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާ، އެދަނޑުން ކޮންޓްރެކްޓަރާ ހަވާލުކުރެވުނު މަސައްކަތް މިހާރު ނިމިވާފަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި ރޮސްޓްރަމްގެ މަސައްކަތާ، ޗޭންޖިންގ ރޫމަކާ އޮފީހެއްގެ އިތުރުން ލައިވް ރޫމަކާ ރެފްރީންނަށް ޚާއްސަ ރޫމެއް ހެދުމުގެ މަސައްކަތްކުރިއަށްދާކަމަށް ކައުންސިލުގެ ރައީސް މައުލޫމާތުދެއްވިއެވެ.
"ފުޓްސެލް ދަނޑުގެ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވުނު މަސައްކަތްވަނީ ނިމިފަ. އެހެންނަމަވެސް ދަނޑަށް އިތުރު ބަދަލުތަކެއް ގެންނަން ބޭނުންވެގެން އެ މަސައްކަތް މިހާރުވަނީ ފަށާފަ. އޭގެ ތެރޭގައި އެބަ ހިމެނޭ ރޮސްޓްރަމްއާއި ޗޭންޖިން ރޫމަކާ، އޮފީހެއް އަދި ލައިވް ރޫމެއްގެ އިތުރުން ރެފްރީންނަށް ރޫމެއް ހެދުމުގެ މަސައްކަތް. މިހާރުވަނީ ތަނބުތައް ޖަހާފަ ދެން އޮތީ ރޭނުމުގެ މަސައްކަތް" އާތިފް ވިދާޅުވެފަވެއެވެ.
ނިމުނު ވޮލީކޯޓާ ހަދަމުންދާ ފުޓްސެލް ދަނޑަކީ ކުޅިވަރުގެ ދާއިރާއިން ރަށަށް އިތުރުވި ތަރައްގީގެ ބޮޅެއްކަމަށް އާތިފް ސިފަކުރެއްވިއިރު، އެރަށަކީ ކުޅިވަރަށް ޝައުގުވެރިވާ އާބާދީއެއް އޮންނަ ރަށެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށުގައި ކުޅިވަރު ދިރުވާ އާލާކުރުމަށް ބާރަކަށްވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅިވަރަށް ފޯރިދޭ ށ. މިލަންދޫއިންވަނީ އެންމެފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ.