ޚަބަރު

ވައި ބާރުވެ ކަނޑުތައް ގަދަވާނެ، އުދަ އެރުންވެސް އެކަށީގެންވޭ: މެޓް އޮފީސް


  • ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

  • ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައި

ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭ ވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވެ އަދި އުދަ އަރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 15:30 ހާހަމައަށްށެވެ.

..

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. ފުވައްމުލަކަށް 51.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 އާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

މެޓުން ވިދާޅުވީ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަތަކައް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.