ޚަބަރު

މަނަދޫ ތަރައްޤީއަށް މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ޞިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާކުރުން މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި

  • ބަނދަރާއި މަގުތައް ބޭނުންކުރުމުގައި ހުރި ދަތިތައްވެސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަނަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މަނަދޫ އަސްވާރު ހޯލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފިޒިއޯތެރަޕީގެ އިތުރުން ނަފްސާނީ ޑޮކްޓަރަކާއި ސްޕީޗް ތެރަޕިސްޓެއްގެ ޚިދުމަތް ލިބޭނެގޮތް ހެދުމާއި ރަށު ބަނދަރު މަޝްރޫޢުގެ ތެރެއިން ނުނިމި ހުރި ކަންތައްތަކާގުޅޭ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން، ބަނދަރު ނެރު ފައިކައްޓަށް ހައްލެއް ގެނައުމާއި ބަލިމީހުން އަރާފޭބޭނެ ގޮތަށް ސިޑި މަރާމާތުކޮށްދިނުމަށާއި، އަދި ފަޅުގައި ހަދާފައިވާ ބޭރު ޖެޓީއަށް، އަރާފޭބޭ ގޮތަށް ފިލާ ޖަހައިދިނުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމާއި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގައި ހުރި ލަސްކަން ހައްލުކުރުމާއި މަގުތައް ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމުގެ ގޮތުން، ނަރުދަމާ ނިޒާމަށް ހައްލެއް ގެނެސްގެން މަގުތައް ހެދުމަށް ފުރުސަތު ފަހިކުރުމުގެ މުހިންމުކަން ކައުންސިލްގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.