ޚަބަރު

ނ. މަނަދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


ނ. މަނަދޫގައި ސަރުކާރުން އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނ. މަނަދޫގައި ހުންނަވާ މި މަޝްރޫޢާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިމަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ހަށިހެޔޮ ރާއްޖެއެއް ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާވާފައިވާ މަޝްރޫޢެއްކަމަށެވެ. އަދި މިއަހަރާ އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު މުޅި ރާއްޖޭގައި މިފަދަ ސެންޓަރުތައް ޤާއިމުކުރެވިގެންދާނެކަމަށާ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުލުވެރިވެފައިވާ މުޖުތަމަޢަކަށް ހެދުންކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރެވިގެންދާއިރު، ކުޅިވަރު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ބޭނުންވާނެ އެހެނިހެން ވަސީލަތްތައްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑުތަކުގެ މަރާމާތުގެ މަސައްކަތާ ލައިޓިން އަދި މީގެ އިތުރުންވެސް ކުޅިވަރާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަވެއެވެ. މީގެ އިތުރުން ނ. މަނަދޫގައި ކުޅިވަރުގެ ދާއިރާއިން ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއްގެ މައުލޫމާތުވެސް ވަޒީރުވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.

"ވަރަށް ގިނަ މަޝްރޫޢުތަކެއް މިއަހަރު ތެރޭގައި މަނަދޫގައިވެސް ކުރިއަށްދާން އެބަހުރި. އޭގެ ތެރޭގައި މިއަދު ބިންގާ އެޅިގެންދާނެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ. އަދި ހަމަ އެއާއެކު އައުޓްޑޯރ ޖިމްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. ދެން މަނަދޫއަކީ ފުދޭވަރެއްގެ ބޮޑު ރަށަކަށްވުމާއެކު މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އެހީގައި އެކަންތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެށިގެން މިއަހަރު ތެރޭގައި ދާނެ" ވަޒީރު ވިދާޅުވެފަވެއެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.