ޚަބަރު

ނ. ލަންދޫގައި އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


ނ. ލަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. ނ. ލަންދޫގައި މިއަދު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، ލަންދޫގައި މުޅިން އަލަށް ޤާއިމުކުރާ ފިޓްނެސް ސެންޓަރާއެކު ކުޅިވަރުގެ ދާއިރާއިން ރަށަށް ގިނަގުނަ ކުރިއެރުންތަކެއް އަންނާނެއެވެ. މިގޮތުން މިތަންވެގެންދާނީ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަގުނަ ކުޅިވަރުތައް ކުޅެލާ މުނިފޫހިފިލުވާލުމަށް ހުޅުވިގެންދާނެ ދޮރަކަށެވެ.

ލަންދޫގައި ޤާއިމުކުރާ ފިޓްނެސް ސެންޓަރަކީވެސް ޒުވާނުންނަށް އެއްތާކުން ގިނަގުނަ ކުޅިވަރުތައް ކުޅެލުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ހަށިހެޔޮ މުޖުތަމަޢަކަށް ބާރު އެޅުމުގެ މަޤްޞަދުގައި ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެކެވެ. މިތަން ޢިމާރާތް ނިމި ބޭނުންކުރަންފަށާއިރު މިތަނުގައިވެސް ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާނެ ވަޞީލަތްތަކުގެ އިތުރުން ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި މި މަޝްރޫއުގެ މަސައްކަަތްފެށިގެންދާއިރު އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ރާއްޖެއަށް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މިދަތުރުފުޅުގެ ތެރެއިން ރައީސްދެއްވާފަވާއިރު، ނ. ކެނދިކުޅުދޫގައި ހުންނަވާ ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމަށާ، އޭގެ ތެރޭގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާއި، ފުޓްސަލް ދަނޑުތައް މަރާމާތުކުރުމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.