މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ނ. މާޅެންދޫގައި ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާއިރު، އެރަށުގައި ހަދާ ޖިމްގެ މަސައްކަތްވެސް ހަވާލުކޮށްފަވަނީ ފެނަކައާއެވެ. މި ދެ މަޝްރޫޢަކީ މިއަހަރުގެ ތެރޭގައި ނިންމާ ހަލާހުކުރާގޮތަށް ފެނަކައާއި ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުތަކުގެ ތެރޭގައި ހިމެނޭކަމަކަށްވާއިރު، މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އާބާދީއަކީ ދުޅަ ހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ހަށިހެޔޮ ދިރިއުޅުމަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގިނަ ޢަދަދެއްގެ އައު މަޝްރޫޢުތައް ފެށިގެންކުރިއަށް ދާއިރު، ކުރީ ދައުރުގައި ނުނިމިހުރި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްވެސް މިހާރު އަލުން ފަށާ ހަލުވި ކަމާއެކު ކުރިއަށް އެބަދެއެވެ.