ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އެމެރިކާއިން މި ފަހަރު ފިޔަވަޅުތައް އަޅާފައި ވަނީ ތެލުގެ ވިޔަފާރި ކުރާ ކުންފުނިތަކާއި، އެމެރިކާގެ ފިޔަވަޅުތަކުން ރެކުމަށް ޙޫޘީންނަށް ވާގިވެރިވާ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ޔަމަންގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ކުންފުނިތައް ވެސް ހިމެނެއެވެ.
އެމެރިކާގެ މާލީ ވުޒާރާއިން ބުނީ ދެ މީހަކާއި ފަސް ކުންފުންޏަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ޔަމަނަށް ތެޔޮ އެތެރެ ކުރާ ކުންފުނިތަކާއި، ފައިސާގެ މުޢާމަލާތުތައް ހިންގުމާއި މަނީ ލޯންޑްރިންގްގެ ކުށުގައި ޙޫޘީންނަށް ވާގިވެރިވާ މީހުންނާއި ކުންފުނިތައް ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
"ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާ ވިޔަފާރިވެރިންނާ ގުޅިގެން ޙޫޘީން ދަނީ [ޔަމަނަށް] ތެޔޮ އެތެރެކޮށް ބޮޑެތި މާލީ މަންފާތަކެއް ހޯދަމުން، އަދި ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެ މުޢާމަލާތު ހިންގަމުން،" އެމެރިކާގެ މާލީ ވަޒީރުގެ ނައިބު މައިކަލް ފޯކްލެންޑަރ ވިދާޅުވިއެވެ. "އެ ވިޔަފާރިތަކުން ޙޫޘީންގެ ނިރުބަވެރި ނިޒާމަށް ވާގިވެރިވޭ، އަދި [އެމެރިކާގެ] މާލީ ވުޒާރާއިން އެ ފަރާތްތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ."
އެމެރިކާއިން ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި މުޙައްމަދު އަލް-ސުނަޔިދިރް ހިމެނެއެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އޭނާއަކީ ޔަމަނަށް ތެޔޮ އެތެރެ ކުރުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މީހެއް ކަމުގައެވެ. އަދި، އޭނާގެ ކުންފުނިތަކުން ޔަމަންގެ އިތުރުން ޔޫއޭއީގައި ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ތުހުމަތު ކުރިއެވެ.
އޭނާގެ ބެލުމުގެ ދަށުގައި ހުރި ތިން ކުންފުންޏަކުން 12 މިލިޔަން އެމެރިކާ ޑޮލަރުގެ ތެޔޮ ޔަމަނަށް އެތެރެ ކޮށްފައިވާ ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ. އަދި، އެެއީ އީރާނުން ބޭރު ކޮށްފައިވާ ތެޔޮ ކަމުގައި ވެސް އެމެރިކާގެ މާލީ ވުޒާރާއިން ތުހުމަތު ކުރެއެވެ.
ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތައް އަޅަމުން މި ދަނީ، ޔަހޫދީންނާ ދެކޮޅަށް އެ ޖަމާޢަތުން ތެދުވުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި، އެ ޤައުމަށް މުދާ އުފުލާ އާގުބޯޓުފަހަރަށް ޙޫޘީން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެއީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެކެވެ. ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ ގެންދިޔުމުގެ ތުހުމަތުގައި ޙޫޘީން ވަނީ 100އަށްވުރެ ގިނަ އާގުބޯޓަށް ޙަމަލާ ދީފައެވެ. އަދި، އޭގެ ތެރެއިން ހަތަރު އުޅަނދު ފައްތައިލާފައެވެ.
ޔަހޫދީންނަށް ޙަމަލާ ދިނުމުން އެ ކަމާ ނުރުހުންވެ އެމެރިކާއިން ވެސް ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް، ޙޫޘީންނާ އެކު އެމެރިކާގެ ސަރުކާރުން ދާދި ފަހުން ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. އަދި، ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައެވެ. މޭ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި މި ނިންމުމަކީ ޔަހޫދީން ގަޔާވި ނިންމުމެއް ނޫނެވެ. އެ އެއްބަސްވުމުގެ ދަށުން ޙޫޘީން ވަނީ އެމެރިކާގެ ކުންފުނިތަކުގެ އުޅަނދުފަހަރާއި އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދިނުން މެދުކަނޑައިލާފައެވެ. ނަމަވެސް، ޒަޔަނިސްޓުންނަށް އަމާޒުކޮށް ޙަމަލާ ދިނުން މެދުކަނޑައިލާފައެއް ނެތެވެ. ޙޫޘީންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ދަނީ ޔަމަންގެ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރަމުންނެވެ.