ޚަބަރު

ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް


  • މި އިނާމް މިއަހަރު 191 ބޭފުޅުންނަށް ލިބިވަޑައިގެންނަވާ

  • 42 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް ދެއްވާފައިވޭ

  • 35 އަހަރާއި 39 އަހަރަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމް ދެއްވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި

ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް ދެއްވައިފިއެވެ. މި އިނާމް ދެއްވާފައިވަނީ މިނިވަންދުވަހުގެ ޖަލްސާގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދަޢުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމަކީ ދަޢުލަތުގެ ކޮންމެ މަޤާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވިކަމުގައިވީ ނަމަވެސް އިނާމް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ.

ދަޢުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމް ދެއްވާނެ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ދިވެހި ދަޢުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު މިއަހަރު 191 ބޭފުޅުންނަށް ލިބިވަޑައިގެންނަވައެވެ. އޭގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް ދެއްވާފައެވެ.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވެވި 42 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 74 ބޭފުޅަކު ހިމެނެއެވެ.

35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުނަށް އިނާމް ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދެނީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކީ ހަނދާނީ ފިލައެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.