ޚަބަރު

ބޭރުގެ ޤައުމުތަކަށް ބަރޯސާނުވާނެގޮތަށް ސިއްޙީ ދާއިރާ ވަރުގަދަކުރާނަން: ސީއީއޯ އަބްދުއްރައްޒާޤް


  • ހުޅުމާލޭ އޮރެންޖް ހިޔާގައި ޤާއިމުކުރި ޑަޔަލިސިސް ސެންޓަރުގައި 30 އެނދުވަނީ ޤާއިމުކޮށްފައި

  • ޒަމާނީ ފެންވަރަށް އިމަރޖެންސީ ޙާލަތުގައި ފަރުވާ ދެވޭނެ އިތުރު 2 އެނދުވަނީ ޤާއިމުކޮށްފައި

  • ދެދަންފަޅިއަށް ދުވާލަކު 150 މީހުންނަށް މަދުވެގެން ޚިދުމަތްދެވޭނެ

ސިއްޙީ ދާއިރާއިންވެސް ރާއްޖެއަކީ އަމިއްލަ މިނިވަން ޤައުމެއްކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު މަސައްކަތް ކުރައްވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ މިހެން ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި އިތުރުވަމުންދާ ކިޑްނީ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ އާބާދީއަށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުންވަނީ ހުޅުމާލޭ އޮރެންޖް ހިޔާގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް ތަރައްޤީކުރައްވާފައެވެ.

މިސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ހުޅުމާލޭގައި 2012 ވަނަ އަހަރު 4 އެނދާއެކު ޑަޔަލިސިސްގެ ޚިދުމަތް ފެށިފަހުން 2019 ވަނަ އަހަރު 7 އެނދު އިތުރުކުރެވިފައިވާކަމަށެވެ. އެގޮތުން މިވީ 13 އަހަރުގެ ތެރޭގައި ޚިދުމަތް ދެމުންދިޔައީ އެންމެ 10 އެނދާއެކުގައިކަމަށް ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ޚިދުމަތް ދެވޭ މީހުންގެ ޢަދަދު އިތުރުކުރުމަށް މީގެކުރިން ދެދަންފަޅިއަށް ދެމުންދިޔަ ޚިދުމަތް 3 ދަންފަޅިއަށް ބަދަލުކުރެއްވިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއާއެކުވެސް ރޭގަނޑު ދަންވަރު ޢުމުރުން ދޮށީ ފަރާތްތައް ޑަޔަލިސިސްގެ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލުގައި މަޑުކުރަންޖެހުމަކީ ފަސޭހަކަމެއް ނޫންކަމަށްވާތީ އިތުރު ގޮތަކަށް ޚިދުމަތް ފުޅާކުރަން ސަރުކާރުން ނިންމެވީކަމަށް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ، ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ސިއްޙީގޮތުންވެސް ޤައުމުގެ މިނިވަންކަން ޔަގީންކުރުމަށް ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރުމަށް ސިއްޙީދާއިރާގެ ބޭފުޅުން ތައްޔާރަށް ތިއްބެވިކަމަށެވެ.

"ޑަޔަލިސިސް ޚިދުމަތަކީ ޗޮއިސް އޮތް ކަމެއް ނޫން، ކިޑްނީ ބަލީގެ ބޭފުޅުންކަމުގައިވާތީ ހަފްތާއަކު 3 ދުވަހު 4 ގަޑިއިރު މިތަނުގައި ޚިދުމަތް ހޯދުމަށް މަޑުކުރަންޖެހޭ. އެހެންކަމުން 3 ދަންފަޅިއަށް ޚިދުމަތްދޭން ފެށިނަމަވެސް ރޭގަނޑު ދަންވަރު ދޮށީ ޢުމުރުގެ ބޭފުޅުން ތިބެންޖެހުމަކީ ބަލަން ފަސޭހަ ކަމަކަށްނުވި. އެހެންކަމުން ރައީސްގެ އިރުޝާދުފުޅާއެކު އަޅުގަނޑުމެން ނިންމީ އޮރެންޖް ހިޔާގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއްގެ ޚިދުމަތް ފެށުމަށް." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ހުޅުމާލޭ އޮރެންޖް ހިޔާގައި ޤާއިމުކުރި ޑަޔަލިސިސް ސެންޓަރުގައި 30 އެނދުވަނީ ޤާއިމުކޮށްފައެވެ. މިސެންޓަރުގައި ޒަމާނީ ފެންވަރަށް އިމަރޖެންސީ ޙާލަތުގައި ފަރުވާ ދެވޭނެ އިތުރު 2 އެނދާއި، ބަލި މީހުން އެކަހެރިކޮށްގެން ޚިދުމަތްދޭންޖެހޭ ޙާލަތްތަކުގައި ޚިދުމަތްވެސް ދެވޭނެހެންވަނީ އިންތިޒާމުތައް ޤާއިމުކޮށްފައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ މިޑަޔަލިސިސް ސެންޓަރުގައި ދެދަންފަޅިއަށް، ޚިދުމަތް ދިންނަމަވެސް، ދުވާލަކު 150 މީހުންނަށް މަދުވެގެން ޚިދުމަތްދެވޭނެކަމަށެވެ. އަދި ހަމައެއާއެކު މާލެ ސަރަޙައްދުގައި ޑަޔަލިސިސްގެ ޚިދުމަތް ބޭނުންވެގެން ކިޔުގައި މަޑުކުރަން މީގެފަހުން ނުޖެހޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ޤާއިމުކޮށްފައިވަނީ ބީލަމަށް ހުޅުވާލައިގެން ޝޯޓްލިސްޓުކުރެވުނު 2 ފަރާތެއް ގުޅިގެންނެވެ. އެގޮތުން މިސެންޓަރުގެ މަސައްކަތްކޮށްފައިވަނީ މެޑްޓެކް މޯލްޑިވްސްއާއި މެޑިކޮމް ޕްރައިވެޓް ލިމިޓެޑުންނެވެ.