ތޫނިސްގެ ރައީސް ޤައިސް ސަޢީދާ ދެކޮޅަށް އަޑުއުފުލުމަށް އެތަކެއް ސަތޭކަ ބަޔަކު އެ ޤައުމުގެ ވެރިރުގެ މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ބުނީ، ޤައިސްގެ ވެރިކަމުގައި ތޫނިސަކީ ބޮޑު ޖަލަކަށް ބަދަލު ކޮށްލާފައިވާ ކަމުގައެވެ. އަދި، އޭނާ ކުރަމުން ދަނީ ޚުދުމުޚްތާރު ވެރިކަމެއް ކަމުގައެވެ.
ސަޢީދާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ކުރިއަށް ދަނީ "މި ޖުމްހޫރިއްޔާއަކީ ބޮޑު ޖަލެއް،" މި ޝިޢާރުގެ ދަށުންނެވެ. ސަޢީދުގެ އިސްތިޢުފާއަށް ގޮވައިލަމުންދާ މުޒާހަރާގެ ބައިވެރިން ދަނީ، އޭނާގެ ވެރިކަމުގައި ޖަލަށް ލާފައިވާ ސިޔާސީންނާއި، ނޫސްވެރިން އަދި ސިޔާސީ އެކްޓިވިސްޓުން މިނިވަން ކުރުމަށް ވެސް ގޮވައިލަމުންނެވެ.
ތޫނިސްގެ ވެރި ރަށުގައި ސަޢީދާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް ފަށާފައި މި ވަނީ، ވެރިކަން ފޭރިގަތުމަށް ހަތަރު ފުރުން ފުރޭ ދުވަހާ ދިމާކޮށެވެ. 2021ވަނަ އަހަރު ސަޢީދު ވަނީ ތޫނިސްގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައްވާފައެވެ. އަދި، އެއަށް ފަހު އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ އަމިއްލައަށް ނެރުއްވި ރިޔާސީ ޤަރާރެއްގެ ދަށުންނެވެ. ތޫނިސްގެ ގިނަ އަދަދެއްގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ސަޢީދުގެ ވެރިކަމަކީ ޣަރިރުޤާނޫނީ ވެރިކަމެކެވެ. އަދި، އޭނާގެ ބާރުގެ ދަށުގައި ޚުދުމުޚްތާރު ކަން ބޮޑުވެ، ސަރުކާރާ ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވައިލާފައިވާ ކަމުގައެވެ.
2022ވަނަ އަހަރު ސަޢީދު ވަނީ ތޫނިސްގެ ޝަރުޢީ އެންމެ މަތީ ކައުންސިލް ވެސް އުވައިލައްވާފައެވެ. އަދި، ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންތަކެއް މަޤާމުން ވަކި ކުރައްވާފައެވެ. ނަމަވެސް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ. ސަޢީދުގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އެހެން މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ޓެރެރިޒަމްގެ ދަޢުވާ އުފުލައި، ޖަލު ޙުކުމް އިއްވާފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ.