ފަލަސްޠީނުގެ ޣައްޒާގައި އެތައް މިލިއަން މައުސޫމު ރައްޔިތުން ހައިހޫނުކަމުގައި ޝަހީދުވަމުންދިޔުމުގެ ކަންބޮޑުވުމުގެ އަޑުތައް ގަދަވެ، ޔަހޫދީންނަށް އިތުރު ގޮތެއް ނެތިގެން، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުފަހިކޮށްދިނުމަށް، ބައެއް ސަރަޙައްދުތަކުގައި ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން ޔަހޫދީން ނިންމައިފިއެވެ.
ޔަހޫދީންގެ ނިރުބަވެރި ސިފައިން ކުރި އިޢުލާނެއްގައި ބުނީ، ޣައްޒާގެ ތިން ސަރަޙައްދެއްގައި 10 ގަޑިއިރަށް ޙަމަލާތައް މެދުކަނޑައިލެވޭނެ ކަމަށެވެ. އަދި ޣައްޒާއަށް ރައްކާތެރިކަމާއެކު އެހީ ވެއްދޭނެ އިތުރު މަގުތަކެއް ހެނދުނު 6:00އިން ރޭގަނޑު 11:00އާ ހަމައަށް ހުޅުވާލެވޭނެކަމަށް ވެސް ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ.
ފާއިތުވި ހަފްތާތަކުގައި، ޣައްޒާގައި ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން، ކާޑުބަލި ޖެހިގެން ޝަހީދުވި 127 މީހުންގެ ތެރޭގައި، 85 ކުޑަކުދިން ހިމެނޭ ކަމަށެވެ.
މިޞްރުގެ ރެޑް ކްރެސެންޓުން ބުނީ އާދީއްތަ ދުވަހު 1،200 މެޓްރިކް ޓަނަށް ވުރެ ގިނަ ކާބޯތަކެތީގެ އެހީ އުފުލާ 100 އަށް ވުރެ ގިނަ ޓްރަކު، ޣައްޒާގެ ދެކުނަށް ފޮނުވަމުންދާ ކަމަށެވެ.
މާރިޗު 19ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، އެ ކަން ކުރުމުގެ ފުރުޞަތު އޮތީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖިއެޗްއެފަ)ށް އެކަންޏެވެ. އެއީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
ނަމަވެސް، ޣައްޒާގައި ދިރިއުޅޭ އާބާދީގެ ބޮޑުބަޔަކަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބި، ބަނޑަށް ޖެހިފައިވާކަމުގެ ކަންބޮޑުވުން ގިނަ ޤައުމުތަކުން ދަނީ ހުއްޓުމެއްނެތި ފާޅުކުރަމުންނެވެ.