އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ ރާއްޖޭ ގަޑިން ރޭ 23:41 ގައި އައި ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލެއަށް ވެސް ލޮޅުމެއްގެ އަސަރުކުރި ކަމުގެ ރިޕޯޓްތަކެއް ލިބުނުކަމަށެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް، ރާއްޖޭ ގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
An earthquake of 6.2 magnitude has occurred near Nicobar Islands, India Region pic.twitter.com/ug2OALHtws
— Maldives Meteorology (@MetMaldives) July 28, 2025
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށް އެ ސެންޓަރުން ވެސް ބުނެފައިވެއެވެ. އަދި ސުނާމީއެއް ވެސް ނުއުފެދެއެވެ.