ކުޅިވަރު

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގަައި ބައިވެރިވުމަށް ހުޅުވާލައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތްކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގަައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދިރާގު ރޯޑްރޭހުގެ ރޭސް ޑައިރެކްޓަރ އަދި ދިރާގުގެ ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ މިރްޝާން ހަސަން ވިދާޅުވީ މިއަހަރުގެ ދުވުމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށާ، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް 4000 ދުވުންތެރިންނަށް ޖާގަ ލިބިގެންދާނެކަމަށެވެ. އަދި ރޭހަށް ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޖާގަ އިތުރުކުރުމުގެ ވިސްނުން ގެއްގުޅުއްވާކަމަށްވެސް މިރްޝާން ވަނީ ހާމަކުރައްވާފައެވެ.

މިއަހަރުގެ ދިރާގު ރޯޑްރޭސް ތާވަލުކޮށްފަވަނީ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިރޭހުގައި 5ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަަހަރު އަލަށް ތަޢާރަފުކުރެވުނު ކޯޕޮރޭޓް ޓީމް އިވެންޓު މިއަހަރުގެ ރޭހުގައިވެސް ހިމެނޭކަމަށް މިރްޝާން ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ރޭސް ތިން ދަންފަޅިއަކަށް ބަހާލާފައިވާއިރު، ރޭހުގެ ހާފް މެރެތަން ފެށުމަށް ހަމަޖެހިފައި ވަނީ އެރޭ މެންދަމު 02:30ގައެވެ. އަދި 10 ކިލޯމީޓަރު ރޭސް ފަތިހު 05:30ގައި ފެށޭއިރު، އެންމެ ގިނަ ފަރާތްތަކުން ވާދަކުރާ ކެޓެގެރީކަމަށްވާ 5 ކިލޯ މީޓަރު ރޭސް އޮންނާނީ އެދުވަހު ހަވީރު 04:30ގައެވެ.

2007 ވަނަ އަހަރު "ދިރާގު ބްރޯޑް ބޭންޑު ރޭސް" ގެ ނަމުގައި މަދު ބައިވެރިންކޮޅަކާއެކު ފެށި މި ރޭހަކީ މިހާރު ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ރޭހެވެ. މިރޭސް އިތުރަށް ފުޅާވެ "ދިރާގު މޯލްޑިވްސް ރޯޑްރޭސް" ނަމަށް ބަދުކޮށްފަވާއިރު މިއީ މިގޮތަށް ބޭއްވޭ 16 ވަނަ ރޭހެވެ. މި ރޭހުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ދުވުންތެރިން ބައިވެރިވެއެވެ. މި ރޭސް އެއިމްސް (އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސެސް)ގައި ރެޖިސްޓްރީކޮށްފަވާއިރު މިއީ ރާއްޖޭގައި ފުޅާވަމުން އަންނަ ކުޅިވަރުގެ ފަތުރުވެރިކަމަށްވެސް ހުޅުވިގެންދާ ދޮރެއްކަމަށް މިރުޝާން ވިދާޅުވެފައެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭހާއެކު ދިވެހިންގެ ދުވުމުގެ ތަޞައްވުރު ބަދަލުކޮށްލާފައިވާއިރު މިރޭސް ބޭއްވުމުގެ މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅުމުގެ ގޮތުން ދުވުމުގެ ސަގާފަތް ދިވެހިންގެ މެދުގައި އާލާކުރުމެވެ. ދިރާގު ރޯޑް ރޭހުން ލިބިގެންދާ ފައިސާ ކޮންމެ އަހަރަކުވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ހަދިޔާ ކުރާއިރު، މިއަހަރުގެ ދުވުން ޚާއްޞަކޮށްފަވަނީ ކުޑަކުދިން ޙިމާޔަތްކުރުމާ ރައްކާތެރިކުމުގެ މައްޗަށެވެ. އެހެންކަމުން މިއަހަރުގެ ރޭހުން ލިބިގެންދާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިން ޙިމާޔަތްކުރުމާ ރައްކާތެރިކުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މެދުގައެވެ.