ޚަބަރު

މާވަށުގައި މީހަކު މަރާލިކަމަށް ތުހުމަތުވާމީހާ ޝަރީޢަތް ނިމެންދެން ބަންދަށް


  • މަރާލާފައިވަނީ 29 އަހަރުގެ މޫސާ އިބްރާހީމް

  • ހަށިގަނޑު ވަނީ ތަހުގީގްގެ ބޭނުމަށް މާލެ ގެނެސްފައި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ނިޔާވި މޫސާ އިބްރާހީމްއަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން މޫދަށް ފީނައިގެން ހޯދަފައިވާކަމަށެވެ.

މާރާމަރީގައި މޫސާ އިބްރާހީމްގެ ހަށިގަނޑު ތަޙްޤީޤީ ބޭނުންމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.