ރާއްޖޭގެ ޖޫނިއަރ ޓޭބަލް ޓެނިސް ޓީމުން ޗައިނާގެ ސަމަރ ކޭމްޕެއްގައި ތަމްރީނު ހަދަން ފަށައިފިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ކުރިއަށްދާ މި ސަމަރ ކޭމްޕުގައި ރާއްޖޭގެ 10 ކުއްޖަކު ތަމްރީނުވަމުން އަންނައިރު މިއީ ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ ކޭމްޕެކެވެ. މިމަހުގެ 22 ވަނަ ދުވަހު ފެށި މި ކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗު ޢާއިޝަތު އަލީފާ ބުނީ މި ކޭމްޕަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބައިވެރިވަމުން އަންނަ ކޭމްޕެއްކަމަށެވެ. މިގޮތުން މި ކޭމްޕުގައި މީގެ ކުރިންވެސް ދެ ފަހަރު މަތިން ބައިވެރިވެފައިވާކަމަށާ، މިފަދަ ކޭމްޕުތަކުގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނަކަމަށް އޭނާ ފާހަގަކުރިއެވެ.
"މިދަތުރަކީ ކުންމިން ޕްރޮވިންސްއާއި އަޅުގަނޑުމެން އެސޯސިއޭޝަނާ މިތާނގެ ފޮރިން މިނިސްތްރީ އާ މެދުވެރިކޮށް ލިބުނު އިންވިޓޭޝަންއެއް މި. މީ ކޮންމެ ސަމަރއަކަށް މިކޮޅުން އަޅުގަނޑުމެންނަށް ދޭ ފުތުސަތެއް މިއީ. ސަމަރ ކޭމްޕު މިއަށް މިކިޔަނީ. މީގަ އަޅުގަނޑުމެންނަށް ޗާންސް ލިބޭ ގާތްގަނޑަކަށް 22-25 ވަރަކަށް ކުދިން ބައިވެރިކުރަން. ދެން އަނެއްހެން މި ކޭމްޕުގައި މިކޮޅުން ޗައިނާއިން އަޅުގަނޑުމެންނަށް މިހުރިހާ އެކޮމޮޑޭޝަންއާ ފުޑްއާ މިދެނީ. ދެން ބައެއް ޕޭރެންޓްސްވެސް ބައިވެރިވާނެ" އަލީފާ ބުންޏެވެ.
މި ޓްރޭނިންގ ޕްރޮގްރާމަކީ ޗައިނާގެ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ ދަޢުވަތެކެވެ. އަދި ޗައިނާގައި ހުރުމާއި ކެއުމުގެ އިންތިޒާމުވެސް ހަމަޖެހިފަވަނީ ވަރަށް ފުރިހަމައަށް ކަމަށް އަލީފާ ބުނެފައިވެއެވެ. އަދި މި ޓްރޭނިން ޕްރޮގްރާމަކީ ވަކި އުމުރުފުރާއަކަށް ޚާއްސަ ކޭމްޕެއް ނޫންކަމަށާ، އެހެންނަމަވެސް ރާއްޖެއިން މި ކޭމްޕަށް ކުދިން ހޮވުމުގައި އިސްކަންދެނީ 9 އަހަރާ 15 އަހަރާ ދެމެދުގެ ޖޫނިއާ ކެޓެގެރީއިން އެންމެ ރަނގަޅަށް ކުޅޭ ކުދިންނަށްކަމަށް އަލީފާ ބުނެފަވެއެވެ.
މިއީ ކޮންމެ ދުވަހަކުވެސް ފަސް ގަޑިއިރަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ޔުނާން ޕްރޮވިންސްގެ އެންމެ ރަނގަޅު ކުޅުންތެރިންނާއެވެ. މިފަދަ ޓްރެއިނިންގތަކުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ވަރަށް ރަނގަޅު އަސަރެއްކުރާކަމަށް އަލީފާ ފާހަގަކުރިއެވެ. މިގޮތުން ޗައިނާގެ ކުޅުންތެރިންނަކީ ވަރަށް ހަލުވި ބައެއްކަމަށާ، އެކުޅުންތެރިންނާ ވާދަކުރަން ޖެހުމުން ދިވެހި އެތުލީޓުންގެ ސްޕީޑުވެސް އިތުރަށް އަވަސްވާކަމަށް އަލީފާ ބުންޏެވެ. މީގެ އިތުރުން މި ކޭމްޕުގައި އިރުޝާދުދެމުންދާ ޗައިނާ ކޯޗުންގެ އެހީތެރިކަންވެސް ވަރަށް ގާތުން ދިވެހި އެތުލީޓުންނަށް ލިބެމުންދާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"މީގެން އަޅުގަނޑުމެންގެ ކުދިންގެ މިހާރު ޗައިނާ ކުދިންނަކީ ވަރަށް ސްޕީޑް ފާސްޓް ވަރަށް ބާރަށް ކުޅޭ ކުދިން. ދެން އަޅުގަނޑުމެންގެ ކުދިންނަކީ ވަރަށް ސްލޯކޮށް އެކުދިން މިއުޅެނީ. އެެހެންވީމަ ވާގޮތަކީ އެކުދިންނާ އެކީ ކުޅުނީމަ އަޅުގަނޑުމެންގެ ކުދިންގެ ސްޕީޑް އަވަސްވެފަ، ސާރވިސްތަކާ އެއްޗިހިވެސް ހަމަ ރަނގަޅުވޭ. ވަރަށް ރަނގަޅު ޓްރޭނިންގއެއް ލިބޭ މިތާނގަ. ދެން ކުރީ އަހަރުތަކާ ބަލާފަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިފަހަރު އަޅުގަނޑުމެންނަށް މިތަނުގެ ކޯޗުން އަލުގަނޑުމެންގެ ކުދިން ކައިރީގަ ތިބެގެން އަތުގަ ހިފައިގެންވެސް ޓްރޭންކޮށްދޭ އެބަ" އަލީފާ ބުންޏެވެ.
ޗައިނާއަކީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިގޮތުން ކުޅިވަރުގެ ދާއިރާއިންވެސް ކޯޗުންނާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގައި ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މިއަހަރުގެ މޭމަހުގެ ތެރޭގައި އެގައުމުން ވަނީ ރާއްޖޭގެ ކުޅިވަރު ވުޒާރާއަށް ގިނަ އަދަދަކަށް ކުޅިވަރާ ގުޅުންހުރި ސާމާނު ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ފުޓްބޯޅައާއި ޓޭބަލްޓެނިސް ކުޅުމަށް ބޭނުންކުރާ ސާމާނާއި އެތުލެޓިކްސްގައި ބޭނުން ކުރާ ބައެއް ތަކެތި ހިމެނެއެވެ.