ޚަބަރު

ސުނާމީގެ ރާޅުތައް ހަވާއީއަށް ފޯރައިފި، ހަތަރު ފޫޓުގެ ރާޅުތަކުގެ ނުރައްކާ


ރަޝިޔާގެ ކަމްޗާތުކާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ހަވާއީގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ފޯރައިފިއެވެ. ހަވާއީގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، އޮއާހޫއަށް އަރާފައިވާ ރާޅުތަކުގެ އުސް މިނުގައި ހަތަރު ފޫޓު ހުރި ކަމުގައެވެ. ސުނާމީގެ އިންޒާރާ އެކު، ހަވާއީގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަސައްކަތް ފަށާފައެވެ.

ބިންހެލުން އައިސްފައި ވަނީ ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށެވެ. ބިންހެލުންތައް ދިރާސާ ކުރާ އެމެރިކާގެ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 8.8ގައި ކަމުގައެވެ. މިއީ، ފާއިތުވި 14 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާ ލޮޅުމެކެވެ.

ހަވާއީގެ ގަވަރުނަރު ޖޯޝް ގްރީން ވިދާޅުވީ، ސުނާމީގެ ރާޅުތަކުގެ ނުރައްކާވެދާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. އަދި، އެ އިންޒާރަށް ގިނަ އަދަދެއްގެ ބަޔަކު އިޙުތިރާމުކޮށް، އަމަލު ކުރަމުންދާ ކަމުގައެވެ. ބައެއް ސަރަޙައްދުތަކަށް ހަ ފޫޓުގެ އުސް ރާޅުތައް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ، ސުނާމީގެ އިތުރު އިންޒާރުތަކެއް އަތުވެދާނެ ކަމަށް ބަލައި، ސަމާލުވެ ތިބުމަށް ގޮވައިލައްވާފައެވެ.

ޖަޕާނާއި ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް އަރަމުންދާއިރު، ޖަޕާނުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ދެ މިލިޔަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޖަޕާންގެ އުތުރުގެ ސަރަޙައްދުތަކަށް އަރަމުންދާ ރާޅުތަކުގެ އުސްމިން 4 ފޫޓު 3 އިންޗިއަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ރިޕޯޓު ކުރެއެވެ. އެއީ، އިވަތޭ ޕްރިފެކްޗަރުގެ ރަށްތަކަށެވެ.