ޚަބަރު

6 މަސްދުވަހުގެ ތެރޭގައި އުނގޫފާރުން 300 އަށްވުރެ ގިނަ ޕާސްޕޯޓު ހައްދައިފި


  • ޖުމްލަ 346 ޕާސްޕޯޓު ދޫކޮށްފައިވޭ

  • ރ. އަތޮޅުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށާފައިވަނީ ޖެނުއަރީމަހު

މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ރ.އުނގޫފާރުން 300 އަށްވުރެ ގިނަ ޕާސްޕޯޓު ހައްދާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.

ރ.އުނގޫފާރުގައި ޕޯސްޕޯޓުގެ ހެއްދުމުގެ ޚިދުމަތް ފައްޓަވާފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިދިޔަ ޖެނުއަރީމަހު ރ. އަތޮޅުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފެށުމާއެކު، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު އެ ޚިދުމަތް ހޯދަމުންދާކަމަށެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހާތަނަށް އުނގޫފާރުން 346 ޕާސްޕޯޓު ހައްދާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އުނގޫފާރަކީ މާޅޮސްމަޑުލު އުތުރުބުރީގެ ވެރިކަން ކުރާ ރަށަށްވެފައި، އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. އެހެންކަމުން އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން އުނގޫފާރާއި، އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓެއްވެސް އެކުލަވާލައްވާފައެވެ. މި މަގުޗާޓުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގެވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކަކުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ވަނީ ނިންމަވާފައެވެ.