ޚަބަރު

މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ


  • ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައި

  • މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ދަށްވުމެއް

މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ. އެއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 2 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދެވަނަ ކުއަޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ފާހަގަކުރައްވާގޮތުގައި ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މިކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެންނެވެ. އެހެންކަމުން ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 2 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް އެކުންފުނީގެ އެހެނިހެން ވިޔަފާރި ތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފެއެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ޚަރަދު އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިޔަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 11 އިންސައްތައިގެ ދަށްވުމެކެވެ.

ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓާރގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއިއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 198 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 163 މިލިޔަން ރުފިޔާ ލިބިފައެވެ.

މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 3 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާއި އަޅާ ބަލާއި އިރު ސާފު ފައިދާ 15 މިލިޔަން ރުފިޔާ އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.