އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ގުޅިގެން އޮގަސްޓް މަހު ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
"އައިޓީއެފް ޖޭ 30" ގެ ނަމުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 18 ގައެވެ.
ޓެސިން އެސޯސިއޭޝަނުގެ ނައިބު ރައީސް އިޤްނާޒް މަންސޫރު ވިދާޅުވީ މި މުބާރާތުގައި ދެ ޓޯނަމަންޓެއް ކުރިޔަށްދާނެ ކަމަށާއި، މިއީ 18 އަހަރުން ދަށުގެ ކުދިންނަސް ހާއްސަ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ގިނަ ގައުމުތަކަކުން ބައިވެރިވާ ކަމަށާއި އޭގެތެރޭގައި ފްރާންސް، އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ އާއި އިތުރު ގައުމުތަކުގެ އެތުލީޓުންވެސް ހިމެނޭ ކަމަށް އިޤްނާޒް ވިދާޅުވިއެވެ.
މި މުބާރާތުގެ ކޮލިފައިންގައި ޖުމްލަ 32 އެތުލީޓުން ބައިވެރިވާއިރު ރާއްޖެއިން 8 ފިރިހެން އެތުލީޓުންނާއި 13 އަންހެން އެތުލީޓުން ބައިވެރިވާނެ ކަމަށް އިޤްނާޒް ވިދާޅުވިއެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސް ކޮލިފައިންގައި 32 ކުޅުންތެރިން، ސިންގަލްސް މެއިން ޑްރޯގައި 32 ކުޅުންތެރިން އަދި ޑަބަލްސް މެއިން ޑްރޯގައި 16 އެތުލީޓުން ބައިވެރިވާނެއެވެ.
އަންހެން ސިންގަލްސް ކޮލިފައިންގައި 32 ކުޅުންތެރިން، ސިންގަލްސް މެއިން ޑްރޯގައި 32 ކުޅުންތެރިން އަދި ޑަބަލްސް މެއިން ޑްރޯގައި 16 ކުޅުންތެރިން ވާދަކުރާނެއެވެ.
އައިޓީއެފް ޖޭ 30 މުބާރާތް އޮންނާނީ މާލޭ ޓެނިސް ސެންޓަރުގައެވެ. މި މުބާރާތަށް ކޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ވިއްސާރައިގެ ސަބަބުން ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އިޤްނާޒް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މުބާރާތަށް ވާންޖެހޭ އެހެނިހެން ތައްޔާރީތައް ނިމިފައިވާ ކަމަށް އިޤްނާޒް ވިދާޅުވިއެވެ.