އޮލިމްޕަހުގައި މިހާރު އަޅުވަން ތައްޔާރުވަމުންދާ ދިވެހި ފިލްމު "ކަނބުލޮ"ގެ ޓިކެޓު ވިއްކަން ފަށައިފިއެވެ. މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރ ހުސެއިން މުނައްވަރު ޑައިރެކްޓުކޮށް ނެރޭ ވަރަށް އަސަރު ގަދަ ފިލްމެކެވެ.
މިމަހުގެ 31، ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ޒުވާން އަންހެން ކުއްޖަކު އެޅި ވޭނާއި ކެކުޅުން އަދި އެކަމުން އަރައިގަންނަން ކުރި މަސައްކަތް ފެނިގެންދެއެވެ.
ކަނބުލޮ ފިލްމުގެ ޓިކެޓް ވިއްކަން ފެށުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ ހުސެއިން މުނައްވަރު ބުނީ ޓިކެޓް ވިއްކަން ހުޅުވާލުމާއެކު ގިނަ ބަޔަކު ޓިކެޓު ގަންނަމުންދާ ކަމަށެވެ. އެގޮތުން ފިލްމަށް އޮތް ތަރުހީބު ވަރަށް ބޮޑަށް ފެނިގެން ދިޔަކަން މުނައްވަރު ވަނީ ފާހަގަކޮށްފައެވެ. މުނައްވަރު ބުނީ މިއީ ވަރަށް އިބުރަތްތެރި ފިލްމެއްކަމަށާއި މި ފިލްމުގައި ދިވެހި މުޖުތަމަޢުގައި ބޮޑުވެފައިވާ މައްސަލަތަކެއް ކަމަށްވާ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.
މުނައްވަރު ބުނީ ފިލްމު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ ރޭ ހާއްސަ ގުރުއަތު ނެގުމެއް އޮންނާނެކަމަށެވެ. އެގޮތުން އެދުވަހާއި ހަމައަށް ޓިކެޓް ނަގާފައިވާ ފަރާއްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތަކަށް އިވޯންއިން ހަދިޔާ ކުރާ ބެޑްރޫމްސެޓެއް ލިބޭނެކަމަށެވެ. ފިލްމުގެ ޓިކެޓް މިހާރު އޮލިޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އޮލިމްޕަސް ހުޅުވިފައި ހުންނާނީ ހެނދުނު 10:00އިން ރޭގަނޑު 23:00އަށެވެ.
ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން ހޮވި އެންމެ މޮޅު ވާހަކަ، "ޔުކްތާ"ގެ މައްޗަށް ތައްޔާރުކުރާ މި ފިލްމަކީ ޅަފުރައިގެ އަންހެން ކުއްޖަކަށް ކުރާ ގެވެށި އަނިޔާއާއި އަދި ޖިންސީގޮތުން ކުރާ ނޭދެވޭ އަމަލުތަކުގެ މައްޗައް ހަދާ އިބްރަތްތެރި ފިލްމެކެވެ.
ކަނބޮލޮ ފިލްމުން ފެނިގެންދާ ތަރިންގެތެރޭގައި، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ. މި ފިލްމުގައި އައްޒައާއި ޝީލާގެ އެކްޓު ވަރަށް ތަފާތުވާނެކަމަށް ފިލްމުގެ ޑައިރެކްޓަރ ވަނީ ފާހަގަކޮށްފައެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދެވެ.