ޚަބަރު

ފުލުހުންގެ ވެރިޔާ ވަކިކުރަން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ފުރަތަމަ ފަހަރަށް ފާސްކޮށްފި


ސްރީ ލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ފުލުހުން އެންމެ މަތީ ވެރިޔާ ވަކިކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ސްރީ ލަންކާގެ އިންސްޕްކެޓާ ޖެނެރަލް އޮފް ޕޮލިސް، ދޭޝަބަންދޫ ތެންނަކޫން އެ މަޤާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އައްސޭރިފަށުގެ ރިސޯޓެއް ކަމަށްވާ ވެލިގަމާގައި ފުލުހުންގެ ދެ ޔުނިޓެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގައި ފުލުހަކު މަރުވި މައްސަލައެއްގައެވެ.

ފުލުހުންގެ ރެއިޑަކަށް ހަތިޔާރު އެޅި ފުލުހުންގެ އެހެން ޔުނިޓެއް އެ ތަނަށް ފޮނުވީ، ތެންނަކޫންގެ އަމުރަށް ކަމަށް އެ މައްސަލަ ތަޙުޤީޤުކުރި މަޖިލީހުގެ ކޮމިޓީއަކުން ވަނީ ބުނެފައެވެ.

އެ ކޮމިޓީން ނެރުނު ރިޕޯޓުގައި، ފުލުހުންގެ ސުލޫކާ ޚިލާފުވުމާއި ފުލުހުންނަށް ލިބިދޭ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ތަފާތު 19 ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

އެ ކޮމިޓީއަށް މަޢުލޫމާތު ދެއްވި ޕްރޮސެކިޔުޓަރަކު ވިދާޅުވި ގޮތުގައި، 85،000 ފުލުހުންގެ މައްޗަށް އެކުލެވޭ ސްރީ ލަންކާގެ ފުލުހުންގެ ޚިދުމަތް ތެންނަކޫން ބޭނުންކުރަމުންދިޔައީ، "ކްރިމިނަލް ނެޓްވަރކެއް" ގޮތަށެވެ.

އޭނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި، ކުރީގެ ރައީސް ރަނިލް ވިކަރަމަސިންގހަގެ ސަރުކާރުގައެވެ. ތެންނަކޫން އެ މަޤާމަށް ޢައްޔަނުކުރިއިރުވެސް، އޭރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދިޔައީ، އޭނާ އެ މަޤާމަށް އެކަށީގެންނުވާކަމަށް ބުނެ، އެކަމާ އިޢުތިރާޒުކުރަމުންނެވެ.

ތެންނަކޫން އެ މަޤާމަށް ޢައްޔަނުކުރުމުގެ ކުރިން، ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކުރިކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ކަނޑައަޅައިފައެވެ.