ސަރުކާރުގެ އެހީގައި މިވަގުތު ދިހަ ހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާސިލުކުރަމުންދާކަމަށް މާތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަތީ ތަޢުލީމު ހާސިލުކުރުމަށް، ސަރުކާރުން 3 ގޮތަކަށް އެހީތެރިވެދެއެވެ. އެއީ ކިޔަވަން ލޯނުދިނުމާއި، ސްކޮލަރޝިޕްދިނުމާއި ހިލޭ ޑިގްރީ ޕްރޮގުރާމްގެ ތެރެއިން ޚަރަދުކުރުމެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ދަރިވަރުންގެ ލޯނު ސްކީމަށް 1.01 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ސްކޮލަރޝިޕް ދިނުމަށް 350 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހިލޭ ޑިގްރީ ޕްރޮގުރާމަށް 250 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 1،159 ދަރިވަރުން ވަނީ ލޯނު އެހީގައި ކިޔަވަން ފަށާފައެވެ. އަދި މި މުއްދަތުގައި 964 ދަރިވަރުން ދަސްވެނިވިއެވެ. މި މުއްދަތުގައި 2،051 ދަރިވަރަކަށް ކިޔަވަން ލޯނު ދިނުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ރާއްޖެ ހިމެނޭހެން 40 ޤައުމެއްގައި 1،676 ދަރިވަރުން ދަނީ ލޯނު އެހީގައި ކިޔަވަމުންނެވެ.
ސްކޮލަރޝިޕްތަކުގެ ތަފާސްހިސާބަށް ބަލާލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 268 ދަރިވަރުން ސްކޯލަރޝިޕްގައި ކިޔަވަން ގޮސްފައިވާއިރު، 357 ކުދިން ދަސްވެނިވެފައިވެއެވެ. އަދި މި މުއްދަތުގައި 1177 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ރާއްޖެ ހިމެނޭހެން 20 ޤައުމެއްގައި 607 ދަރިވަރުން ސްކޮލަރޝިޕްގެ އެހީގައި އަންނަނީ މަތީ ތަޢުލީމު ޙާސިލުކުރަމުންނެވެ.
ހިލޭ ޑިގްރީ ސްކީމްގެ ތަފާސްހިސާބުތަކަށް ބަލާލާއިރު, 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4،300 ދަރިވަރުން ވަނީ ޕްރޮގުރާމްގައި ރަޖިސްޓްރީވެފައެވެ. އަދި މި ޕްރޮގުރާމްގެ ތެރެއިން ކިޔެވި 5،568 ދަރިވަރުން ވަނީ ދަސްވެނިވެފައެއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގުރާމްގެ ދަށުން މިވަގުތު 8،357 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް މިދިޔަ އަހަރާއި މިއަހަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.