ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކިހާދޫއަށް ވަޑައިގެންފިއެވެ. ކިހާދޫއަކީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 10 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކިހާދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ކިހާދޫ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ކިހާދޫގައި އަލަށް ޤާއިމްކޮށްފައިޗާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެއަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަކީވެސް މިދަތުރުފުޅުތަކުގެ މަޤްސަދެކެވެ.