ޔަހޫދީންގެ ފައުޖާއި ރަޝިޔާގެ އަސްކަރިއްޔާއިން ޖިންސީ ގޯނާއި އަނިޔާކުރުމުގެ އެތައް މައްސަލައެއް ފާހަގަވެފައިވާ ކަމަށް ވިދާޅުވެ، އެ ދެ ޤައުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓީނިޔޯ ގުތެރޭސް ރަސްމީ އިންޒާރެއް ދެއްވާފައިވާކަން ހާމަވެއްޖެއެވެ.
ރަޝިޔާ އާއި ޔަހޫދީންގެ ފައުޖުން ހިންގަމުންދާ ޖަރީމާތަކަށް ގުތެރޭސް ތައްޔާރުކުރައްވާފައިވާ ރިޕޯޓަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނީ އެ ރިޕޯޓުގައި ޙާއްސަކޮށް ބަންދުގައި ތިބޭ ޤައިދީންނަށް ކުރާ އަނިޔާތައް ފާހަގަކުރައްވައިފައިވާ ކަމަށެވެ.
މިގޮތުން، އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް ޤައިދީން ބަރަހަނާކޮށް، ޖިންސީ ގުނަވަންތަކަށް އަނިޔާދިނުން ފަދަ އެތައް މައްސަލައެއް އެ ރިޕޯޓުގައި ފާހަގަކުރައްވައިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އދ.ގެ ސަލާމަތީ މަޖިލީހަށް ކޮންމެ އަހަރަކު ހުށަހަޅުއްވާ އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައި ވަނީ ނިޒާމީ ސިފައެއްގައި ރާވައިގެން ރޭޕްކުރުމާއި ޖިންސީ އަނިޔާދޭކަމަށް ބެލެވޭ ޤައުމުތަކުގެ ލިސްޓުގައި ރަޝިޔާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް އަންނަ އަހަރު ހިމަނަންޖެހިދާނެކަމަށެވެ.
މި އިންޒާރު ރަސްމީކޮށްދެއްވަން ޖެހިވަޑައިގެންނެވީ، ޖިންސީ ގޯނާއި އަނިޔާ ތަކުރާރުކޮށް ދެމުންދާކަމަށް އދ.ގެ އެކި ގުނަންތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައިވެއެވެ.
އަދި ޔަހޫދީންގެ ދައުލަތުން އދ.ގެ މަންދޫބުންނަށް ކޮންމެވެސް މިންވަރަކަށް އެއްބާރުލުންދިން ނަމަވެސް، ޖިންސީ އަނިޔާތައް ދެމުންދާކަމުގެ މަޢުލޫމާތާ ގުޅިގެން އެކަން ހުއްޓުވައި، މި ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައިވެއެވެ.
ޔަހޫދީންގެ ފައުޖުގެ އިތުރުން ރަޝިޔާ އިން ވެސް އދ.ގެ މަންދޫބުންނަށް އެއްބާރުލުން ނުދޭކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.