އިދިކޮޅު ފަރާތްތަކުން އާރުލާ ދައްކާ އެއް ވާހަކައަކީ ބާރުތަކެއް ކެނޑޭ ވާހަކައެވެ. ބާރުތައް ހަނިވާ ވާހަކައެވެ. ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ލާމަރުކަޒީ ޤާނޫނުގެ އިސްލާހުތަކުން ކައުންސިލްތަކުގެ ބާރުތައް ކެނޑޭކަމަށް ބުނެ ވާހަކަދައްކަމުންދާއިރު، މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ ސުވާލު އުފެދެއެވެ. މިއީ ޙަޤީޤަތުގައިވެސް ޤާނޫނަށް އިތުރުކޮށް އިސްލާހުކުރެވުނު އައު އަކުރުތަކުގެ މަޤުޞަދުތޯ މިއީ އެނގުން މުހިއްމުކަމެކެވެ.
ބާރުތައް ނިގުޅައިގަންނަނީކަމަށް ބުނެ ސިޔާސީ ފަރާތްތަކާއި ބައެއް ކައުންސިލްތަކުން ދައްކަމުންދިޔަ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނަށް ގެނައި އިޞްލާހުތައް ތަފްޞީލުކޮށްދެއްވާފައެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުން ރައްޔިތުންނަށްކޮށްދޭ ކަންކަމަށް ހުރަސްއެޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، ޙަޤީޤަތުގައި މި އިސްލާހުތަކުން ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ކުރާ މަސައްކަތަކީ އަމިއްލަ މީހަކު ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ވެގެންނުވާނެކަމަށާއި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ ޢަދަދު 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުން އުފައްދާފައިވާ ބައެއް ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން، އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރި ހިންގާ ކަމަށެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންގެ މުއްސަނދިކަމަށް ހުރަސް އެޅެއެވެ. އެހެންކަމުން ރައްޔިތުންނަށް ޙަޤީޤަތުގައި ލިބިދެނީ ފައިދާއެކެވެ.
"އެއް އިޞްލާހަކަށް ގެނައި އިޞްލާހަކީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ނުހިންގޭނޭ. ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަންޖެހޭނީ މަދުވެގެން 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓުތަކޭ. 10 މިލިޔަނަށްވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ވިޔަފާރިކުރަންވީ. ވިޔަފާރިކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ" ރައީސް ވިދާޅުވިއެވެ.
އެހެން އިސްލާހަށް ބަލާލާއިރު، ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ޢަދަދުކަމަށް ބަޔާންކުރެއެވެ.
މިކަން ތަފްސީލްކޮށްދެއްވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ޓެކްސް ނުދައްކާކަމަށާއި އެ ޓެކްސްއަކީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ނަގާ ޓެކްސްއެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާއާއި އާމްދަނީ ގިނަ ކައުންސިލްތަކުން ރައްޔިތުންނާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށްވެސް ހާމަނުކުރާކަށާއި، އެއީ ދެފުށް ފެންނަ ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލަރުން ކައުންސިލްތައް ހިންގާއިރު، އެ ހޯދާ އާމްދަނީއާއި ފައިސާ ހޯދުމަށްފަހު އެލްޖީއޭ ހިއްސާކުރުން މިހާރު ލާޒިމުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ދައުރު ނިމެން 365 ދުވަހަށްވުމުން ބައެއް ކަންކަން ކައުންސިލްތަކަށް ނުނިންމޭ ގޮތް ހެދުމެވެ. މިކަންކަން ނިންމޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ކަންކަމަކީ ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތައް ކުއްޔަށްދޫކުރުމާއި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުމެވެ.
ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އިންތިޚާބާ ކައިރިކޮށްފައި ޒިންމާދާރުކަން ކުޑަކޮށް، ސިޔާސީ މަޤްޞަދު ހާސިލްކުރުމަށް ރަށްރަށުގެ ބިންތައް ކުއްޔަށްދީ، އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް ނަގާ ކަމަށެވެ.
"ޤާނޫނޫގަ ހުއްދަކަމެއް ނޫން ޒިންމާދާރުކޮށް ކައުންސިލްތައް ހިނގާނަމަ އެއީއެއް. އިންތިޚަބާއި ކައިރި ކޮށްފައި. ސިޔާސީ ބޭނުމެއްގައި ބައެއް ކައުންސިލްތަކުން މިކަން ކުރަނީ. އެހެންވީމަ މިކަންކަންކުރާނަމަ އެލްޖީއޭއަށް ހުށައަޅައި ހުއްދަ ނަގާށޭ. އެއީ ޤާނޫނުގައި ހުރި މެންޑޭޓްތެރޭގައި. ހ އިން ފެށިގެން ޖ އާއި ހަމައަށް ހުންނާނެ ކައުންސިލްތަކުގެ ޒިންމާތައް. އެ ޒިންމާތައް އަދާކުރަންތޯ މިބިންތައް ކުއްޔަށް މިދެނީ؟ އެ ޒިންމާތައް އަދާކުރަންތޯ ކުއްލިއަކަށް މުވައްޒަފުން މިނަގަނީ.؟ އެ ޒިންމާ އަދާކުރަންތޯ ތަރައްްީގެ ޕްލޭންގައި ނެތް މަޝްރޫޢުއެއް ކުއްލިއަކަށް މި ފަށަންޖެހުނީ؟" ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަށް ޖުމުލަކޮށް ބަލާލާއިރު، އޮތީ ޤާނޫނުން ލާޒިމުކުރާ ކަންކަން ކައުންސިލްތަކުންކުރުމަށް ބާރު އެޅުމާއި ރައްޔިތުންނަށް ގެއްލުންނުވާނެހެން މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ވާހަކަތަކަކެވެ. އަދި ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށް އިންތިޚާބަށް ގާތްވުމުން މަޤާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ދޮރު ބަންދުކުރުމެވެ. އެހެންކަމުން ބާރުތައް ނިގުޅައިގަންނަނީކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ހަޤީގަތެއްނެތްކަން ހާމަވެއެވެ.