ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ އުންމީދު ވަޅުލުމަށް ޔަހޫދީން ރާވާފައިވާ ހީލަތްތެރި ރޭވުމުގެ ދަށުން، ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ، ޔަހޫދީ ސަރުކާރުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗެވެ. އޭނާގެެ އޮފީހުން ބުނީ، ޔަހޫދީންގެ އައު ރޭވުމާ އެކު ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ އުންމީދަށް ފަސްއަޅައި، ވަޅުލެވިގެން ދާނެ ކަމުގައެވެ.
ފަލަސްޠީނުގެ ސަރުކާރާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ވަނީ ޔަހޫދީންގެ މި ރޭވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެއީ ޣައިރުޤާނޫނީ ރޭވުމެއްގެ ގޮތުގައި ސިފަކޮށް، އޭގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަ ގެއްލިގެން ދާނެ ކަމުގައި ބުނެފައެވެ.
ޔަހޫދީންގެ ހީލަތްތެރި ރޭވުމުގައި އޮތީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަކިކޮށްލުމަށް، އެ ދެ ސަރަޙައްދުގެ މެދުގައި އޮތް މައަލޭ އަދުމީމްގައި އިތުރު ޔަހޫދީން ވަަޒަންވެރި ކުރުމުގެ މަޝްރޫޢެއް ހިންގުމެވެ. އެ މަޝްރޫޢަށް ދީފައިވާ ނަމަކީ އީ1އެވެ. ސްމުތުރީޗަކީ ވެސް ފަލަސްޠީނުގެ ބިމެއްގައި ދިރިއުޅޭ ޔަހޫދީއެކެވެ. މައަލޭ އަދުމީމްގައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ، މި ވަގުތު މަޑުޖައްސައިލާފައިވާ އީ1 މަޝްރޫޢު އަލުން ފެށުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުއްދަ ދީފައިވާ ކަމުގައެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ކަމުގައެވެ.
އެމެރިކާގެ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބުނީ، ހުޅަނގު އައްސޭރީގައި ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް މުހިންމު ކަމެއް ކަމުގައެވެ. އަދި، އެއީ ޓްރަމްޕްގެ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައެވެ. ނަމަވެސް، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަށް ޓްރަމްޕްގެ ސަރުކާރުން އިސްކަންދޭ ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ.
އީ1 މަޝްރޫޢު އަލުން ފަށަފައި، ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ސްމުތުރީޗު އިޢުލާނު ކުރުމާ އެކު އެކުވެރި ދައުލަތްތައް (އދ)ން ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެ ނިންމުން ވަގުތުން ބަދަލު ކުރުމަށް ގޮވައިލާފައެވެ.
"އޭގެ [އީ1 މަޝްރޫޢުގެ] ސަބަބުން ދެ ދައުލަތް ޤާއިމު ކޮށްދިނުމުގެ އުންމީދު ހުއްޓުމަކަށް އަންނާނެ. [އިތުރު ސަރަޙައްދުތަކުގައި ޔަހޫދީން] ވަޒަންވެރި ކުރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް، އަދި، އިސްތިޢުމާރީ ބާރުވެރިކަން އިތުރުވެގެން ދާނެ ކަމެއް،" އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވިއެވެ.
އީ1 މަޝްރޫޢުގެ ހިންގުމަށް ހަމަޖައްސާފައި ވަނީ 1,214 ހެކްޓަރުގެ ބިމެއްގައެވެ. އެއީ، ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުުރުވުމަށް 4,000 ހައުސިންގ ޔުނިޓު އެޅުމަށް ނިރުބަވެރި ނަތަންޔާހޫ އޮތީ ނިންމާފައެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ހޮޓަލަކާއި މަގުތައް ތަރައްޤީ ކުރުމަށް ވެސް އަނިޔާވެރި ނަތަންޔާހޫ ހިމަނާފައިވެއެވެ.
ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާގައި ފަލަސްޠީނުގެ ދައުލަތެއް ބިނާ ކޮށްދިނުމަށް އެދި ފަލަސްޠީނުގެ ރައްޔިތުން ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އާދޭސް ކުރަމުންނެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު ބައިވެރިޔާ، އެމެރިކާއިންނެވެ. ހުޅަނގު އައްސޭރީގައި މިހާރު ވެސް 500,000އެއްހާ ޔަހޫދީން ދިރިއުޅެއެވެ. އަދި، އިރުމަތީ ޤުދުސްގައި ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަދަދު 220,000އަށް އަރައެވެ.