ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ޔަހޫދީ ދައުލަތުން ގެންގުޅޭ ތަޞައްވުރު ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
މިކަން ރާއްޖެއިން ކުށްވެރިކުރީ ރާއްޖެ ހިމެނޭ ގޮތުން ޢަރަބި އިސްލާމީ 30 ޤައުމާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއިސީއާއި ގަލްފު ކޯޕަރޭޝަން ކައުންސިލް، ޖީސީސީން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައިވާ ގޮތުން ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ޔަހޫދީ ދައުލަތުން ގެންގުޅޭ ތަޞައްވުރަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ޙައްޤަށް އަރައިގަނެ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ހަމަތަކާ އުޞޫލުތަކާވެސް މުޅިން ޚިލާފުކަމެއް ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވުމަށް ހުރަސްއެޅޭކަމަށް ބަޔާނުގައިވެއެވެ.
ޤައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި ވަގުތުން ވަގުތަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ހުއްޓާލުމަށާއި ޣައްޒާއަށް އެހީވެއްދޭނެ މަގުތައް ފަހިކޮށް، ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ގޮވާލާފައިވެއެވެ. މި ބަޔާނާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރި ޕޯސްޓުގައި ޚަރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ކަމަށާއި ރާއްޖެއިން އަބަދުވެސް ތާޢީދުކުރަނީ ހުރިހާ ގޮތަކުންވެސް ހަމަޖެހުން ޤާއިމުވުމަށް ކަމަށެވެ.
In a joint statement, Maldives, along with 30 Arab and Islamic Foreign Ministers and the Secretaries-General of the League of Arab States, the OIC, and the GCC, condemned the so-called “Vision of Greater Israel.”
— Abdulla Khaleel (@abkhaleel) August 17, 2025
The statement emphasizes that this rhetoric violates international…
ފަލަސްޠީނުގެ ބިމުން ބޮޑުބައެއް ޔަހޫދީން ޙިޞާރުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ފަލަސްޠީނުގެ ޙައްޤުގައި އެެއްވުމެއް ބާއްވާފައެވެ. މީގެ އިތުރުންވެސް، ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމުގެ ހަރަކާތްތަކާއި ޓީވީ ޓެލެތޮންތައް ވަނީ ބާއްވާފައެވެ.
ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށެވެ. "ގްރޭޓަރ އިޒްރާއީލް" ނުވަތަ ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ޔަހޫދީން ގެންގުޅޭ ތަޞައްވުރުގެ ދަށުން ޔަހޫދީން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގެ އިތުރުން ޣައްޒާއާއި ލެބަނޮންއާއި ސީރިޔާއާއި މިޞްރާއި ޖޯޑަންގެ ބައެއް ސަރަހައްދުތައް ޙިޞާރުކުރުމަށްވަނީ ނިންމާފައެވެ.