ޚަބަރު

މާޅޮހު ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްފި


  • އާރްއޯ ޕްލާންޓް އިންސްޓޯލްކޮށް، ސޯލާ ޕެނަލް ވަނީ ހަރުކޮށްފައި

  • މުޅި ރަށުގައި ފެނާއި ނަރުދަމާ ހޮޅި އަޅާފައިވޭ

އއ. މާޅޮހުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މާޅޮހުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އއ. މާޅޮހުގައި ފެނާއި ނަރުދަމާގެ މަޝްރޫޢަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ޙަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ތެރެއިން ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށް، އެޑްމިނިސްޓްރޭޝަން ބިލްޑިންވަނީ އަޅާފައެވެ.

މީގެއިތުރުން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައި ދީ ނަރުދަމާގެ ޕަންޕްސްޓޭޝަން ބަހައްޓައި މުޅި ރަށުގައި ނަރުދަމާ ހޮޅި އަޅައި، ސީ އައުޓް ފޯލްވަނީ އަޅާފައެވެ. އަދި ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައިވަނީ ބަހައްޓާފައެވެ.

މި މަޝްރޫޢަށް ސަރުކާރުން 49 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ.