އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން މިމަހުގެ 7އިން 15އަށް ބޭއްވި އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވިޔަފާރި ކުންފުނިތަކުގެ މެދުގައި އީ-ސްޕޯޓްސްގެ މަގުބޫލުކަން އިތުރުކޮށް އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އަށަގެންނެވުމުގެ އަމާޒުގައި މިމުބާރާތް ކުރިއަށްގެންގޮސްފަވާއިރު ގިނަ އަދަދެއްގެ އޮފީސްތަކާ ކުންފުނިތަކުން މިމުބާރާތުގައި ވަނީ ވާދަކޮށްފައެވެ.
އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި ކުރިއަށްދިޔަ މުބާރާތްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލް، ޕަބްޖީ ލެޖެންޑްސް، ބޭންގްބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ހިމެނެއެވެ. އެގޮތުން އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވެފަވާއިރު، އެމްއެލްބީބީގައި 5 ކުންފުންޏަކުން 64 ކުޅުންތެރިން ވާދަކޮށްފަވެއެވެ. އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 52 ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެންގޮސްފައިވެއެވެ.
އުރީދޫގެ ހެޑްކުއާރޓާޒްގައި ކުރިއަށްދިޔަ މިމުބާރާތުގެ ޕަބްޖީ މޮބައިލްއިން އެއްވަނަ ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑްގެ ޓީމެވެ. އަދި މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް މުބާރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ޗެމްޕިއަންކަން ހޯދާފައިވާއިރު، އީއޭއެފްސީއިން އެއްވަނަ ހޯދާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޖަނާން މުހަންމަދުއެވެ.
މިއީ އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްއެވެ. މިމުބާރާތުގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އީ-ސްޕޯޓްސް އިތުރަށް ކުރިއަރާ، ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަން ދައްކާލުމަށް މަގުފަހިވެގެންދާކަމަށް އުރީދޫއިން ބުނެއެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއިން ޑިޖިޓަލް ފުރުސަތުތަކެއް ފަހިވެ، އުފެއްދުންތެރިކަމަށް ދޮރުތަކެއް ހުޅުވިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ ނޭޝަންއިން އިސްނަގައިގެން އީ-ސްޕޯޓްސްގެ ގިނަ މުބާރާތްތަކެއް އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން އަންނަނީ ބާއްވަމުންނެވެ. އެގޮތުން އަހަރުގެ ކުރިއަށް އޮތް ދުވަސްތަކަށްވެސް މިފަދަ އިތުރު މުބާރާތްތައް ރާވާފައިވާކަމަށް އުރީދޫއިން ވަނީ މައުލޫމާތުދީފައެވެ.