އއ. މަތިވެރީގައިއ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ. މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއެވެ. މި މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
"ކްރޮސް ސަބްސިޑީ" އުޞޫލުން މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖަރ ޓާމިނަލާއި ފަޔަރ ސްޓޭޝަންގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރުމެވެ.
މިއަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އއ. މަތިވެރި އެއަރޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭނެ ކަމެއްކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އެއަރޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެއަރޕޯޓާއެކު އިގްތިސާދީ ނަފާވެސް ލިބިގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ،
މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަތިވެރީގައި ބިން ހިއްކާ އެއަރޕޯޓްގެ މަސައްކަތް އެމްއެސީއެލްއިން ކުރާނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެންކަމަށެވެ. އެއަރޕޯޓް ތަރައްޤީކުރުން ހިމެނޭހެން އެރަށުން 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްކާއި އެހެނިހެން މަޝްރޫޢުތައް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ބިން ހިއްކުމާއި އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް 2 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މަތިވެރީގައި އެއަޕޯޓް ތަރައްޤީކުރުމުގެ ސަބަބުން އެރަށާއި އަތޮޅަށް ފައިދާވުމުގެ އިތުރަށް ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފައިދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.