ޚަބަރު

ފިނޭ ސްކޫލް އެހެންތަނަކަށް ބަދަލުކުރަން ޕްލޭންކޮށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ


  • ބަނދަރު ތަރައްޤީކުރާނީ ރައްޔިތުން އެދޭގޮތަށް

  • ސްކޫލު އެހެން ތަނަކަށް ބަދަލުކޮށްދޭނެ

  • މަގުތައް ތަރައް!ީކުރާނެ

ހދ. ފިނޭ ސްކޫލް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް އެރަށުގެ ރައްޔިތުން އެދޭތީ، އެމަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، އެރަށަށް ވަޑައިގެންނެވީ ފިނޭގެ ތަރައްޤީއާއި ކުރިއެރުމަށް ރައްޔިތުންނާ މަޝްވަރާކުރައްވައި، އެކަމުގެ ޕްލޭން ރައްޔިތުންނާ ހިއްސާކުރެއްވުމަށްކަމަށެވެ. ފިނޭގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރަށަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ. އެމަސައްކަތް އެމްޓީސީސީން މިހާރު ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް އެ މަސައްކަތަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަންކަން ބަލައި، މި މަޝްރޫޢު ކުރިއަށްދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައި، މުހިންމު ބަދަލުތައް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބޭރު ތޮށީގައި އުޅަނދުތައް އެޅޭގޮތަށް ބަދަލު ގެނައުމާއި، ނެރަށް ގެންނަންޖެހޭ ބައެއް ބަދަލުތައްފަދަ ކަންކަން ހުރުމާއެކު އެކަންކަން ހިމެނޭހެން ރަށުގެ ބަނދަރު ރައްޔިތުން އެދޭގޮތަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީއާއި ކޮންޓްރެކްޓަރުގެ ފަރާތުން ރައްޔިތުންގެ އުންމީދުގައި ކުލަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިނޭގެ މަގު ހެދުމަކީވެސް އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް އާރުޑީސީން ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ފިނޭފަދަ ބޮޑު ރަށެއްގައި ރައްކާތެރި މަގުތަކެއް ހުރުމަކީ މުހިންމުކަމެއްކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފަށައި ނިންމަވައިދެއްވާނެކަމށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ކުރައްވާނެކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުން ފުރިހަމަ އަދި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ފިނޭގައި ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައުޓްޑޯ ޖިމާއި، ވޮލީ ކޯޓެއް ތަރައްޤީކޮށް ވަރަށް އަވަހަށް ނިމޭނެކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފިނޭގެ ރައްޔިތުން ސްކޫލް ރިލޮކޭޓް ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް އެދޭތީ، އަންނަ އަހަރު އެކަމަށް ފައިސާ ހިމަނުއްވައި، ކްލާސްރޫމާއި ވަސީލަތް ޤާއިމްކުރުމަށް ޕްލޭން ކުރައްވާނެކަމަށެވެ.

ފިނޭގެ މިހާރުގެ ސްކޫލަށް ޖާގަ އިތުރުކުރުމަށް އިތުރު ޖާގަ ނެތުމުން، މަލްޓިޕާޕަސް ހޯލް ތަރައްޤީކޮށްފައިވަނީ ސްކޫލާ ވަކިން އެހެން ބިމެއްގައެވެ. އެހެންކަމުން ރައްޔިތުން ވަނީ ސްކޫލް ޖާގަ އޮތްތަނަކަށް ބަދަލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

މީގެއިތުރުންވެސް ގިނަ މަޝްރޫޢުތަކެއް ފިނޭގައި ހިންގަވާނެކަމަށާއި، އޭގެތެރޭގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި، ކުޑަކުދިންގެ ޕާކާއި، ކަރަންޓު އަޕްގްރޭޑްކޮށް، އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުންވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.