ކުޅިވަރު

ނައިވާދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެފްއާރްސީގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހަންމަދުއެވެ.

މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ނައިވާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކީ އިންޑޯ ކުޅިވަރުތަކާއި، ބޯޑް ގޭމްތަކުގެ އިތުރުން ދެ ޖިންސަށް ޚާއްސަކުރެވިފައިވާ އެރޮބިކްސް ސްޓޫޑިއޯއެއްވެސް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. އޭގެ އިތުރުން ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއެރީ ކުލާސްތައް ހިންގުމަށް ވަކި ކުލާސްރޫމަކާއި މީޓިންގ ރޫމެއް މިތަނުގައި ހިމެނޭއިރު، އިދާރީ ބޭނުމަށް އޮފީހެއްވެސް މިތަނުގައި ބިނާކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިމަޝްރޫއުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާއެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ހަވާލުކޮށްފަވަނީ މީގެ ތެރެއިން 63 މަޝްރޫއެއްގެ މަސައްކަތެވެ.