ރާއްޖޭގައި މުޅިން އަލަށް ބޭއްވި ޖޫނިއަރ ކެރަމް މުބާރާތުގެ ސަބަބުން އެކުދިންގެ ހުނަރުތައް ތަރައްގީވެ، ވާދަވެރި ރޫހެއްގައި ހިތްވަރުކޮށް މުބާރާތުގެ ތަޖުރިބާ ލިބިގެން ހިނގައްޖެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ގައުމީ ކެރަމް މުބާރާތުގެ ވަނަތަކަށް އިނާމުދިނުމަށް ބޭއްވި ހަފްލާ ޝަފަރުވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި ޠަލާލު ވިދާޅުވީ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދެވި، ނުވަތަ ގިނަގިނައިން މުބާރާތްތައް ބޭއްވޭކަމަށްވާނަމަ އެކަމުން ކުޅުންތެރިންނަށް ލިބޭ ތަޖުރިބާއަކީ ކުޅުންތެރިންގެ ކުރިއެރުމަށް ބޮޑު މަންފާއެއްކުރާނެކަމެއްކަމަށެވެ.
ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވީ ކުޅިވަރަށް ޚާއްސަ އެސޯސިއޭޝަންތަކެއް އުފެއްދުމުގެ ބޭނުމަކީވެސް ކުޅުންތެރިންގެ ހުނަރުތައް ތަރައްޤީކުރުންކަމަށެވެ. މިގޮތުން ކުޅުންތެރިންގެ މެދުގައި ވާދަވެރި މުބާރާތްތައް ބޭއްވުމަށް ޠަލާލް އިލްތިމާސްކުރެއްވިއެވެ.
"ހަގީގަތުގައި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތި ލިބިގެން ނުވަތަ މުބާރާތްތަކެއް ބޭއްވޭކަމަށްވާނަމަ އޭގެން ކުޅުންތެރިންނަށް އެލިބިގެންދާ އެކްސްޕޯޝަރ އޭގެން ކުޅުންތެރިންނަށް އެލިބޭ ތަޖުރިބާއާއި އަދި މުބާރާތްތަކުގައި ކޮމްޕެޓެޓެޓިވް މުބާރާތްތަކުގައި ވާދަކޮށްގެން އެލިބޭ ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗަކަށްވާނެ، ހަގީގަތުގައި ކުޅުންތެރިންގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރާކަމަށްވާނަމަ. އެހެންވީމަ އެސޯސިއޭޝަންތަކެއް ހަމަ އުފެދިފަ މިއޮންނަ މައިގަނޑު އެންމެ ބޮޑު ސަބަބަކީވެސް ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރަން. ހުނަރު ތަރައްގީކުރުމަށްޓަކައި އެންމެ މުހިންމު އެކައްޗަކަށްވާނެ ވާދަވެރި މުބާރާތްތައް" ޠަލާލް ވިދާޅުވިއެވެ.
ކެރަމް އެސޯސިއޭޝަނުން ދާދިފަހުން އަލަށް ބޭއްވި ޖޫނިއާ ގައުމީ ކެރަމް މުބާރާތަށް އިޝާރާތްކުރައްވަމުން ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވީ އަލަށް ޖޫނިއާ ލެވެލްގެ މުބާރާތެއް ބޭއްވިގެންދިޔައިރު، މިއީ އެކުދިންނަށްވެސް ވާދަވެރި މުބާރާތެއްގެ ތަޖުރިބާ ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. ޠަލާލް ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން ވާދަވެރި ރޫހެއްގައި މުބާރާތް ކުޅުމުގެ އިހުސާސް ކުދިންނަށް ލިބިގެންދާނެކަމަށެވެ. އެކަމުގަ ސަބަބުން ކުދިންގެ ކިބައިގައި ވާދަވެރިކަން އުފެދި ރަނގަޅު ނަތީޖާއަކަށް ވާސިލްވުމަށް ހިތްވަރުލިބިގެންދާނެކަމަށް ޠަލާލް ވިދާޅުވިއެވެ.
"އަލަށް ޖޫނިއާ ލެވެލްގެ މުބާރާތެއް ބޭއްވިގެން މިދިޔައީ. އެހެންވީމަ ޖޫނިއާ ލެވެލްގެ ކުދިންނަށްވެސް މުބާރާތްތަކުގައި ވާދަކޮށްގެން ކުރިއެރުންތައް ހޯދާ އަދި މުބާރާތުގެ ތަޖުރިބާ، މުބާރާތުގެ ފީލް އެކުދިންނަށް ލިބިގެން ދިޔައިމަ އެހިސާބުން ކުދިންނަށް ވާދަކުރަން ހިތްވަރު އިތުރަށް ލިބިގެންދާނެ" ޠަލާލް ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ މީގެ ކުރީގެ ކެރަމް މުބާރާތްތަކުން ހަމައެކަނި ފެނުނީ ވަކިވަކިން ވާދަކުރި ކުޅުންތެރިންކަމަށެވެ. އެހެންނަމަވެސް ޖޫނިއާ ލެވެލްގެ ކުދިން ތަމްރީނުކުރުމަށްޓަކައި ކެރަމްގެ އެކަޑެމީތަކެއް އުފެދި މިމުބާރާތުން އެއެކަޑަމީތައް ތަޢާރަފުވުމަކީ ކެރަމް ތަރައްގީވަމުން އަންނަކަމުގެ އުފާވެރި މަންޒަރެއްކަމަށް ޠަލާލް ސިފަކުރެއްވިއެވެ.