ޚަބަރު

ރައީސް ނޮޅިވަރަމަށް: 30 އެނދުގެ ހޮސްޕިޓަލަކާއިއެކު ސްކޫލަށް ވަސީލަތް އިތުރުކޮށްދޭނަން


  • ދެމެހެއްޓެނިވި ތަރައްޤީ ހިންގުމަކީ މިސަރުކާރުން ޤަބޫލުކުރާ ފަލްސަފާކަމަށް ވިދާޅުވި

  • ސިއްޙީ ދާއިރާ ތަރަޢްޤީކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވިދާޅުވި

  • ފުލުހުންގެ މަރުކަޒާއި އައު ކައުންސިލް އިމާރާތްފަދަ މަސައްކަތްތައްވެސް ކުރިއަށްދާނެ

ހދ. ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްްީކޮށް، އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތް ސްކޫލުގައި ޤާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހދ. ނޮޅިވަރަމު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވީހާވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާކަަމަށެވެ.

ހދ. އަތޮޅުގައި ކުޅުދުއްފުށި ފިޔަވައި އެންމެ އާބާދީ ބޮޑު ރަށަކީ ނޮޅިވަރަމެވެ. ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީ ހިންގުމަކީ މިސަރުކާރުން ޤަބޫލުކުރާ ފަލްސަފާކަމަށާއި، އެކަމުގައި އާބާދީ ބޮޑެތި ރަށްރަށަށް އިސްކަން ދެއްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ނޮޅިވަރަމު ބަނދަރަކީ ރައްޔިތުންނަށް އެންމެ ދަތި އަދި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ތަނަކަށްވާތީ، އެކަން ހައްލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވާތީ، ރައްޔިތުން ބޭނުންވާގޮތަށް އެ މަޝްރޫޢު ފުރިހަމަކޮށްދއްވާނެކަމަށް ވިދާޅުވިއެވެ. އަދި މަގު ހެދުމަކީވެސް ރިޔާސީ ވަޢުދެއްކަމަށާއި، އެއީ ރަށުގެ ތަރައްްޤީގައި އަސާސީކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ނޮޅިވަރަމުގެ ރަށް ގިރުމަށްވެސް ޙައްލުތަކެއް ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މައްސަލައަށް ހައްލު ގެނައުމަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކުމަށް ތަނެއް ޤާއިމްކުރުމުގެ މަސައްކަތާއި، އެރަށު ބަނދަރު ތަރައްޤީކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ހުރިހާ މަޝްރޫޢަކަށްވެސް އިސްކަންދެއްވައިގެން ކުރިއަށްގެންގޮސް ނިންމަވާނެކަމަށެވެ.

އެނޫނަސް އިތުރު ތަރައްޤީ ރަށަށް ބޭނުންވާކަމަށާއި، އެގޮތުން ސިއްޙީ ދާއިރާ ތަރަޢްޤީކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ސިއްޙީ ޚިދުމަތް ވަރުގަދަކުރުމާއެކު ނޮޅިވަރަމުގައި އެޚިދުމަތް ކުރިއަރުވަން ޖެހިފައިވާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެއީ ރަށުގެ އާބާދީއަށް މުހިންމު މަޝްރޫޢެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ މަޝްރޫޢު ފެށެންދެކަށްވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ އަޕްޑޭޓު މަސައްކަތް ކުރާނަން. މިހާރު ވާނީ އެތެރެ ހަށީގެ ޑޮކްޓަރެއް ގެނައުމާއި، އެކްސްރޭ މެޝިން ޤާއިމްކުރުމާއި، ދަތުގެ ފަރުވާ ޤާއިމްކުރުމަށް ކަމާބެހޭ ވުޒާރާއަށް ހުއްދަ ދީފައި، އެކަން ކުރިއަށްދާނެ. މިވަގުތަށް ކުރެވެންހުރި ކަންކަންވެސް ސިއްޙީ މަރުކަޒުގައި ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިންވެސް ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުމާއެކު މަދުވެގެން 12 ކްލާސްރޫމާއި ސައިންސް ލެބާއި ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ހިމެނޭހެން އިތުރު ވަސީލަތްތައްވެސް ސްކޫލްގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެމަޝްރޫޢު ހިންގުމަށް ބަޖެޓުގެ ދަތިކަމެއް ނެތްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ރަށުގެ ރައްޔިތުންނާ މުދައްރިސުންނާއި ދަރިވަރުންގެ ކުރިއެރުމަށްވެސް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

މިއާއެކު ރަށުގެ އިޖުތިމާޢީ ދާއިރާގެ މައްސަލަތަކަށް ޙައްލު އަންނާނެކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރައްވާނެ މަސައްކަތް ތަފްސީލްކުރައްވަމުން ރައީސް ވިދާޅުވީ އެރަށު ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކުރަން މިއަހަރު ފަށްޓަވާނެކަމަށެވެ. އޭގެ އިތުރަށް ނޮޅިިވަރަމުގައި އަޅާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް އިންޑޯ ކޮމްޕްލެކްސްއެއްގޮތަށް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މަރުކަޒާއި އައު ކައުންސިލް އިމާރާތްފަދަ މަސައްކަތްތައްވެސް ކުރިއަށްދާނެކަމަށާއި، ދެއްވާނެ ޔަޤީންކަމަކީ އެ ހުރިހާ މަޝްރޫޢުތައް ވަރަށް އިސްކަންދެއްވައިގެން ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަން ކަމަށެވެ.

އަދި ކަރަންޓު އަޕްގްރޭޑުކޮށް، އިންޖީނުގެ އެހެން ސަރަަހައްދަކަށް ބަދަލުކުރުން ހިމެނޭގޮތަށް ދަނޑުބިންތަކަށް ކަރަންޓު ދޭނެކަމަށާއި، އެ މަސައްކަތަށް ފެނަކައިން އެންމެ އިސްކަންދޭ ރަށުގެ ގޮތުގައި ނޮޅިވަރަމުގައި އެ މަޝްރޫޢު ހިންގަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ގިނަވެގެން 6 މަސްތެރޭ ނިންމަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަނޑުބިންތަކަކީ ރައްޔިތުންނަށް ބޮޑު ނަފާއެއް ލިބޭތަނަކަށްވާތީ، ސަރުކާރުން ސޮއިކުރި އެއްބަސްވުމާއެކު އެ ދަނޑުވެރންނަށް ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. ދަނޑުބިންތަކުން ކައުންސިލަށް ފައިސާ ނުނަގާގޮތަށް ހެދުމަށް ރައީސް ވަނީ ކައުންސިލްގައި އެދިވަޑައިގެންފައެވެ. އެއީ އެ ސިނާޢަތު ކުރިއެރުވޭނެ ގޮތްކަމަށާއި، އެއީ އެންމެ ފުރިހަމަގޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ނޮޅިވަރަމީ އުތުރުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަންކުރާ އެއް ރަށެވެ.

ރައީސް ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކާއެކު ރައްޔިތުންނަށް އެތައް ލުޔެއްލިބި ފުދުންތެރިކަން އިތުރުވާނެކަމަށް ވިދާޅުވެފައެވެ.