ޚަބަރު

ގިނަ ހަރަކަތްތަކަކާއެކު މަޖީދިއްޔާ ސްކޫލްގައި ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


  • ޤައުމީ ދުވަސް ފާހަގަކުރުމަށް ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވޭ

  • ގައުމީ ލަވަތަކާއި، ސަޤާފީ ނެށުންތައް ހުށަހަޅާފައިވޭ

މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ކޮންމެ އަހަރެއްގެވެސް ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރަނީ ރަބީޢުލް އައްވަލްމަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަސް މިއަހަރު ދިމާވީ މިމަހުގެ 24ވަނަ ދުވަހާއެވެ.

ޤައުމީ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ މާލެއާއި އަތޮޅުތެރޭގެ ގިނަ ސްކޫލްތަކުގައި ޤައުމީ ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކޮށްފައިވާއިރު ބައެއް ސްކޫލްތަކުން މިއަދުވެސް ވަނީ ޤައުމީ ދުވަސް ފާހަގަކޮށްފައެވެ.

މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެއް ސްކޫލަކީ މަޖީދިއްޔާ ސްކޫލެވެ. ޤައުމީ ދުވަހާ ގުޅިގެން މަޖީދިއްޔާ ސްކޫލުގައި ޚާއްސަ އެސެމްބްލީއެއްވަނީ ބާއްވާފައެވެ. މި އެސެބްލީގައި ޤައުމީ ދުވަހާ ގުޅޭގޮތުން ދަރިވަރެއްގެ ވާހަކަދެއްކުމާއި، ޤައުމީ ލަވަ ހުށަހެޅުމާއި، ސަޤާފީ ނެށުންފަދަ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

ޤައުމީ ދުވަހާ ގުޅިގެން މަޖީދިއްޔާ ސްކޫލްގައި ކުރިއަށްގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް، އަހުމަދު މުޖާހިދު ވިދާޅުވީ، މިފަދަ ދުވަސްތައް ސްކޫލަތަކުގައި ފާހަގަކުރުމުގެ ބޭނުމަކީ ކުދިންގެ ހިތުގައި ޤައުމީ ލޯބި އާލާކުރުން ކަމަށެވެ.

" މަޖީދިއްޔާ ސްކޫލުން މިފަދަ ދުވަސްތައް މިހާ ކުލަގަދަކޮށް ފާހަގަކުރަނީ ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކުރުމުގެ މަޤްސަދުގައި. މިފަދަ މުނާސަބާތަކުގެ ވާހަކަތައް އަޅުގަނޑުމެން ފިލާވަޅުތަކުގެ އަލީގައިވެސް ކިޔައިދެން. ގައުމީ ބަޠަލުންގެ ވާހަކަތައް ކިޔައިދޭ. އެހެންވީމާ ކުދިން މިކަމުގައި ބައިވެރިވެ، ޤައުމީ ހެދުން ލަައިގެން ގައުމީ ޝުޢޫރުތައް ފާޅުކޮށް ގައުމީ ލަވަތަކާއި، ބަހުސްތަކާއި، މިކަންކަމުގެ ވާހަކަތައް ކުދިންނަށް އެގެންޖެހޭ". މުޖާހިދު ވިދާޅުވއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހާ ގުޅިގެންނެވެ.

ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންވީ 1573 ވަނަ އަހަރު، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމާއި އިތުރު 5 ބޭކަލަކު އިސްވެކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. އެ ދުވަހަކީ 1573 ވަނަ އަހަރުގެ ރަބީޢުލް އައްވަލްމަހުގެ 1 ވަނަ ދުވަހެވެ.