މިހާތަނަށް އެމަނިކުފާނު ވަޑައިނުގަންނަވާ ބާކީ ހުރި ހުރިހާ ރަށަކަށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ވަޑައިގަތުމަށް އަމާޒު ހިފާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ގާތުން އޮޅުން ފިލުއްވާކަމަށާއި، އެކަންކަމަށް ދާއިމީ ހައްލު ގެނެސްދެއްވުން ކުރިއަށްދާކަމަށެވެ. އޭގެ ނަތީޖާއަކީ ރައްޔިތުން ސީދާ ބޭނުންވާގޮތަށް ކަންކަންވެގެން ދިއުންކަަމަށް ރައީސް ވިދާޅުވިއެވެ.
"މިދަތުރުގަވެސް، އަދި ކުރިންވެސް، އެހެން ރަށްރަށުގައިވެސް އަޅުގަނޑު ކުރިއަށް މިގެންދަނީ މިހެންހުރި ކަންކަން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި އަޅުގަނޑުމެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް ވަނީ ތާވަލެއްހަދާފައި. އެއީ އަމާޒަކީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިގަތުމުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމާއެކު މިއަހަރުގެތެރޭގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު އިންސައްތައެއްގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި އަންނަ އަހަރު ބާކީ މަސައްކަތްތައްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ބަޖެޓު ތަރުތީބުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
"މިއަހަރާއި އަންނަ އަހަރަކީ ވަޢުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށައި އަދި ގިނަ މަސައްކަތް ނިންމާނެ ދެ އަހަރު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ޝަޢުގެއްވެސް ހުރީ ނަތީޖާ ނެރުއްވުމަށްކަމަށެވެ. ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސިލްސިލާގޮތެއްގައި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެން އެރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ހުރިހާ މުއައްސަސާއެއްގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ. އޭގެފަހުން އެމަނިކުފާނު ބައްދަލުކުރައްވަނީ ރައްޔިތުންނާއެެވެ. މިއީ ރަށްރަށުގެ މަޝްރޫޢުތައް ހިންގުމަށް އެންމެ ފަސޭހަގޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާއިތުވި ދޮޅު އަހަރުތެރޭގައި ރައީސް ވަނީ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާ ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބައްދަލުކުރައްވާފައެވެ.