މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހއ. އިހަވަންދޫގައި އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެން 26ވަަނަ ދުވަހާއި ހަމައަށެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމުގެ މަޤުޞަދަކީ މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ހޯދައިދިނުންކަމަށެވެ. މީގެ އިތުރުން، ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ކުރިއަށްގެންދާ "އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީނު ޕްރޮގްރާމު 2025 އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން 2025 އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައި… pic.twitter.com/AB9A2HRsKo
— Ministry of Fisheries and Ocean Resources (@MFORmv) August 27, 2025
މިޕްރޮގްރާމްގައި ޖުމްލަ 12 މީހުން ވަނީ ބައިވެރިވެފައެވެ. އެއީ 8 އަންހެނުންނާއި 4 ފިރިހެނުންނެވެ. މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ މުވައްޒަފުންނެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިތަމްރީނު ޕްރޮގްރާމްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު ޕްރޮގްރާމްތަކެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.