ޚަބަރު

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސިންތެޓިކް ޓުރެކް ލަސްވެގެން ޑިސެމްބަރުގައި އެޅޭނެ: ރައީސް


ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސިންތެޓިކް ޓުރެކް ލަސްވެގެން ޑިސެމްބަރުގައި އެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީތަކުގެ ތެރެއިން އެންމެ ލަސްވެފައިވާ މަޝްރޫޢަކީ ސިންތެޓިކް ޓްރެކް ގާއިމުކުރުންކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ މިމަޝްރޫޢު ދިގުލައިގެން ދިޔަނުދީ ވީހާވެސް އަވަހަކަށް މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.

"ކުޅިވަރުގެ ދާއިރާގައޮ ވަރަށް މުހިންމު ވަރަށް ލަސްވެފަ އޮތް ކަމަކީ ސިންތެޓިކް ޓުރެކްގެ މަޝްރޫޢު. މިމަޝްރޫޢަކީ އެކިކަލަހަ ފަންޑުތަކާއި ގުޅުވައިގެން އެކި ފަހަރު މަސައްކަތްކުރެވިފަ އޮތްކަމެއް. އަޅުގަނޑުމެން މިހާރު ނިންމައިފިން ސަރުކާރުން އެގޮތަށް މި ދިގުލައިގެން ދިޔަ ނުދޭން" ރައީސް ވިދާޅުވިއެވެ.
ސިންތެޓިކް ޓްރެކްގެ މަޝްރޫޢު ދިގުލައިގެން ދިއުމުގައި ސަބަބުތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކީ ފަންޑުތަކާއި ގުޅިގެން ކުރެވޭނެކަމަށްވުމަކީ މިމަޝްރޫޢު ނުފެށި ދިގުލާ އެއްސަބަބުކަމަށް ރައީސް ހާމަކުރެއްވިއެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި ދަންނަވައިގެން އެކަމަށްޓަކައި މަގުތަކެއް ފަހިކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުންމީދަކީ އެންމެ ލަސްވެގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ މިހާރު ފިނޭންސް މިނިސްޓްރީން އެކަމަށްޓަކައި މަގުތަކެއް ފަހިކޮށް އިރާދަކުރެއްވިއްޔާ ހަމަ އެންމެ ލަސްވެގެންވެސް މިއަހަރުގެ ތެރޭގައި އެންމެ ލަސްވެގެންވެސް މިއަހަރު ނިމުމުގެ ކުރިން ޑިސެމްބަރުމަހު ތެރޭގައި އެންމެ ލަސްވެގެންވެސް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިސިޓީގައި ފަށައިދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަޝްރޫޢުގެ ސަބަބުން އެތުލެޓިކްއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތަކުގެ ސަބަބުން އެތުލީޓުންނަށް ތަމްރީނުތައް ހެދުމަށް ލުއިފަސޭހަވެ މިކުޅިވަރުން އައު ކުޅުންތެރިންތަކެއް އުފަންވެގެންދާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.

"އެ ޕްރޮޖެކްޓު ކުރިއަށް ދިޔައިމަ، އެތުލެޓިކްސްގެ ދާއިރާއިން މިދާއިރާގައި މަސައްކަތްކުރާ، ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ" ރައީސް ވިދާޅުވިއެވެ.