ޚަބަރު

ފަލަސްތީނުގެ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރަނީ


ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ދިވެހިރާއްޖޭގައި ކޭމްޕުކުރަން ނިންމައިފިއެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދުމުން އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 އަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކޭމްޕުކޮށްގެން ތިބޭއިރު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެން ނިންމާފައިވާ ކަމަށެވެ.

ފަލަސްތީނުގެ މި ޓީމު ތައްޔާރުވަމުން ދަނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ. މި ކޮލިފައިންގައި ރާއްޖެވެސް ވާދަކުރާނެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ފަލަސްތީނުގެ ގައުމީ ޓީމު ރާއްޖޭގައި ތިބޭއިރު އެކަމަށް ސަރުކާރުގެ އެހީތެރިކަން ހޯދުމަށާއި، ދެ މެޗަށް ސްޕޮންސަރުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. މި ޓީމުގެ ކޯޗަކީ ކުރީގެ ޑިފެންޑަރު ސޮބާހު މުޙައްމަދެވެ.