ޚަބަރު

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް "އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ފަށައިފި


  • ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރާނެ

  • ހޭލުންތެރިކަމުގެ ގިނަ ޕްރޮގްރާމްތައް ހިންގާނެ

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް "އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކެމްޕެއިނެކެވެ.

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "އުދުހިލަން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ އެފްޕީއޭގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީއެވެ. މި ދާއިރާތަކާ ގުޅުންހުރި ގިނަ ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ކެމްޕެއިންގެ މަޤުޞަދަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ އުފާވެރި، ރައްކާތެރި މުޖުތަމަޢުއެއް ކުޑަކުދިންނަށް ހޯދައިދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޕީއޭގެ ސީއީއޯ ޝިރާނީ ނައީމް ވިދާޅުވީ، މި ކެމްޕެއިންގެ މަޤުސަދަކީ ކުޑަކުދިންނަށް ދޭންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުންކަމަށެވެ. އެފްޕީއޭއަށް ހުށައަޅާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކަށް ބަލާއި، މައްސަލަތަކުގެ %50 އިންސަތަ މައްސަލައަކީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅޭ މައްސަލަތައްކަން ޝިރާނީ ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު 722 މައްސަލަ ހުށައެޅުނުއިރު، 315 މައްސަލައަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަ. އޭގެތެރޭގައި ޖިސްމާނީ، ނަފްސާނީ، ބަހުގެ އަދި ޖިންސީ އަނިޔާގެ މައްސަލަ ހިމެނޭ. މީގެތެރެއިންވެސް އެންމެ ގިނައީ ކަނޑައެޅިގެން އެފަދަ މަންޒަރުތައް ދެއްކުން ނުވަތަ އަޑު އިއްވުމުގެ މައްސަލަތައް." އެފްޕީއޭގެ ސީއީއޯ ޝިރާނީ ވިދާޅުވިއެވެ.

ޝިރާނީ ވިދާޅުވީ މި ކެމްޕެއިންގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ އެކި ހަރަކާތްތައް ކުރިއަށްގެންދާނެކަމަށެވެ. މި ކެމްޕެއިންއިން ޙާސިލްކުރަން ބޭނުންވޭ އެންމެ މުހިންމު ކަމަކީ، އެފަދަ މައްސަލަތައް އަނިޔާއަކަށް ބަދަލުވުމުގެ ކުރިން، އެކަން ދެނެގަނެ ރައްކާތެރިކަން ފޯރުކޮށްދިނުންކަމަށް ޝިރާނީ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ހުށައެޅުމުގެ ދޮރުތައް ބަންދުކުރުމާއި އަނިޔާއަށް ހުށަހެޅިއްޖެ ޙާލަތުގައި މައްސަލަ ހުށައަޅާ އެކަން ބެލޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމާއި އެފަދަ ކުދިން އެކަންކަމުން އަރައިގަނެ ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ކެމްޕޭނުގެ ބޭނުމެއްކަމަށް ޝިރާނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެޕް ރެޕްރެޒެންޓޭޓިވް ޓު ދަ މޯލްޑިވްސް، އެޑްވަޑް އަޑާއީ ވިދާޅުވީ، މުޖުމަޢުގައި ކުޑަކުދިންގެ އާބާދީގެ %70 ކުދިންނަށް ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް އެކުދިންގެ ހަޔާތުގައި ކުރިމަތިވާކަމަށެވެ.

"40% ކުދިންނަށް ޖިސްމާނީ އަނިޔާ ކުރިމަތިވޭ. %30 ކުދިންނަށް ނަފްސާނީ އަނިޔާ. މިއީ އަބަދަށް ދެމިގެންދާ ޒަޙަމުތަކެއް. އަދި ވަރަށް ގިނަ ކޭސްތައް ރިޕޯޓް ނުކުރެވި ދޫކޮށްލާ. އަހަރަމެންގެ އަޒުމަކަށް ވާންވާނީ ކޮންމެ ކުއްޖަކީ ލޯތްބާ ރައްކާތެރިކަމުގައި ބޮޑުވާ ކުދިންކަން ކަށަވަރުކުރުން." ޔުނިސެޕް ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީ ވިދާޅުވިއެވެ.

މި ކެމްޕެއިންގެ ޢަމާޒަކީ މުޖުތަމަޢުގެ ހުރިހާ މީހުން ގުޅިގެން، މިފަދަ މައްސަލަ މަދުކޮށް ހުއްޓުވުމަށް ނިކުތުމެވެ. އަދި ކުރިމަގުގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑުއުފުލާ ޖީލެއް ބިނާކުރުމެވެ.

މި ކެމްޕެއިންގައި ތާވަލުކުރެވިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.