ޚަބަރު

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފި


  • ގުޅުން ބަދަހިކުރެއްވުމަށް ދެބޭފުޅުން ވާހަކަދެއްކެވި

  • ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ލީ ޝީ އާ ބައްދަލުކުރައްވައިފިއެވެ.

ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ލީ ޝީ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަމްސީލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމަކީ، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކުން ގުޅުންބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ލީ ޝީ ގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި، ލީ ޝީ ދެއްވި ފުރަމާނަޖާފަތަކަށް ފަހުގައެވެ.