ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފިއެވެ.
ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވާ ބަދުރުއްދީން ހަސަނަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ބޭންކިން ގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް ބަދުއްރުއްދީން އައްޔަންކޮށްފައިވާއިރު އެތަނުގެ ޗެއާމަންއަކީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. އަދި ބޯޑުގެ ޑިރެކްޓަރަކަށް ފާތިމަތު ފަރީހަތު ވަހީދު ވަނީ އައްޔަންކޮށްފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ޖުލައި މަހުއެވެ. އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މާލީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސް.ޑީ.އެފް.ސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.
ބީއެމްއެލްއިން ވިދާޅުވީ، އެސްޑީއެފްސީ ގަތުމުގެ މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުންކަމަށެވެ. އަދި މި ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީއިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައިކަންވެސް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.