މިދިޔަ އޮގަސްޓް މަހު ޓްރާންސްޝިޕްމަންޓްގެ ގޮތުގައި 1900 ޓަނަށްވުރެ ގިނަ މުދާ އުފުލާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
ޓްރާންސްޝިޕްމަންޓް މުދަލަކީ މުދަލެއް އެހެން ޤައުމަކަށް ގެންދިއުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެ ޤައުމަށް ފޮނުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ޓްރާންސްޝިޕްމަންޓުގެ ގޮތުގައި ބަހައްޓާ މުދަލެވެ. ރާއްޖޭގައި ޓްރާންސްޝިޕްމެންޓްގެ ޚިދުމަތް އެއަރ-ޓު-އެއަރ އަދި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ ދަށުން ފޯރުކޮށްދެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލުން ވިދާޅުވީ، އޮގަސްޓް މަހު ޓްރާންސްޝިޕްމަންޓްގެ ގޮތުގައި މުޅި ޖުމްލަ 1،934 ޓަނުގެ ކާގޯ އުފުލާފައިވާކަމަށެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޓްރާންސްޝިޕްމަންޓްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ކާގޯ އުފުލި މަސްކަމަށް އެކުންފުނިން ވިދާޅުވެއެވެ.
Reaching new heights in cargo! 📈📦
— Velana Airport (@VelanaAirport) September 4, 2025
August wrapped up with a record breaking 1,934 tonnes of transshipment, our highest ever. A big thank you to all our partners for making this achievement possible 👏🏼 pic.twitter.com/6ZXTFQrCJQ
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 6،879 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެއަރ-ޓު-އެއަރގެ ގޮތުގައި އުފުލި 5،621 ޓަނުގެ ކާގޯ އަދި ސީ-ޓު-އެއަރގެ ގޮތުގައި އުފުލި 1،258 ޓަނުގެ ކާގޯއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިހާރު ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް، ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި އިތުރު ރޫޓުތައް ތަޢާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ހަމަމިއާއެކު، ކާގޯގެ ޚިދުމަތް އަލަށް ފެށުމަށް ބޭނުންވާ އެއަރލައިންތަކާއެކު މަސައްކަތްކުރުމުގެ އިތުރުން، އަލަށް ފަށާ ރޫޓުތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ގޮތްތައް އިތުރުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން، ކަނޑުމަގުންނާއި ވައިގެމަގުން މުދާ އުފުލުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މުދާ އުފުލާ އެއަރލައިންތަކަށް އަވަސް ޚިދުމަތެއް ދިނުމަށާއި، އެއް ބާވަތުގެ އުޅަނދުން އަނެއް ބާވަތުގެ އުޅަނދަށް ފަސޭހައިން މުދާ ބަދަލުކުރެވޭނެ ގޮތް ހެދުމަށާއި، އަދި އިތުބާރުހުރި ޚިދުމަތެއް ދިނުމަށްޓަކައި، އިންފްރާސްޓްރަކްޗަރާއި މުދާ ގެންގުޅުމުގެ ވަސީލަތްތައް ރަނގަޅުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.