ސިވިލް ސަރވިސް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމެވީ ބުދަ ދުވަހު އާންމު ކުރެއްވި ސަރކިއުލާއެއްގައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލާގައިވާގޮތުން ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ޚިދުމަތުގެ މުއްދަތުގެ ގުނުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، މީގެ ކުރިން ދައުލަތަށް ޚިދުމަތް ކުރި މުއްދަތުވެސް ވަޒީފާއިން މުސްކުޅި ކުރުމުން ގުނާއިރު ދައުލަތުގެ އެހެން މުއައްސަސާތަކުގައިވެސް ޚިދުމަތް ކޮށްފައިވާ މުއްދަތު ހިމެނުމަށް އެ ކޮމިޝަނުން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ގޮތުގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނޭނެ ކަމަށެވެ. އެހެންކަމުން، އެސްޓީއޯ އާއި އެމްޓީސީސީ އާއި އެޗްޑީސީ އާއި އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތަކުގައި ޚިދުމަތް ކޮށްފައިވާ މުވައްޒަފުން އެތަނެއްގައި ހޭދަ ކުރި މުއްދަތު ސިވިލް ސަރވިސް ވަޒީފާއިން މުސްކުޅި ކުރާއިރު ހިމަނާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބުދަ ދުވަހު ގެނައި ބަދަލާއެކު މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިތިބި މުވައްޒަފުން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ އެކަން އެންގުމަށް އެދިފައެވެ. އެގޮތުން، މި ތަޖުރިބާގެ ލިޔުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއެއް މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަންގެ ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބައިގައި އަދާހަމަ ކުރުމަށް ވަނީ އަންގާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަނާއި ކޮމިޝަނުގެ އިދާރާތަކާ ގުޅޭގޮތުން ޝަކުވާތަކާއި މައްސަލަތައް އޮންލައިންކޮށް ހުށެހޭނެ ގޮތްވެސް ހަދައިފައެވެ. އެގޮތުން، އެ ކޮމިޝަންގެ "މައިއެކައުންޓް" މެދުވެރިކޮށް ކޮންމެ މީހަކަށްވެސް މިހާރު ޝަކުވާތައް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މައިއެކައުންޓަކީ އީ-ފާސް އެކައުންޓް މެދުވެރިކޮށް ވަދެވޭނެ އެކައުންޓެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. މި އެކައުންޓުން ހުށަހަޅާ ޝަކުވާއާއި އެ ޝަކުވާގެ ޕްރޮގްރެސް ފެންނަން ހުންނާނެއެވެ.